އދ. ބޮޑުކާށިހުރާ ކުއްޔަށް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ސިވިލްކޯޓުން ނެރެއެއް ނުދިނެވެ.

މިއީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ޓުރިޒަމް މިނިސްޓްރީއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ދައުވާއަކާ ގުޅިގެން، އެ ކުންފުނިން ނެރެދިނުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ އަމުރެކެވެ.

ބޮޑުކާށި ހުރާއަކީ 2014 ވަނަ އަހަރު ސަރުކާރުން 50 އަހަރަށް އެ ކުންފުންޏަށް ކުއްޔަށްދިން ރަށެކެވެ. ނަމަވެސް ފަހުން އެކަމާބެހޭ އެއްބަސްވުން ބާތިލުކޮށް ސަރުކާރުން ވަނީ އެތަން އަތުލައިފައެވެ.

އެ މައްސަލައިގައި، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ވަނީ ސިވިލްކޯޓުގައި ދައުވާކޮށްފައެވެ. އެ ދައުވާގައި އެ ކުންފުނިން އެދިފައި ވަނީ، މައްސަލަ ނިމުމުގެ ކުރިން އެހެން ފަރާތަކަށް ބޮޑުކާށިހުރާ ކުއްޔަށް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް އަމުރު ނެރެދިނުމަށް ހުށަހަޅާފައިވާ މައްސަލަ ސިވިލް ކޯޓުން ބެލުމަށްފަހު އިއްޔެ ނިންމި ނިންމުމުގައި، ބުނެފައި ބަނީ، އެ މައްސަލައިގައި، އެކުންފުންޏަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެއީ އެ މައްސަލަ ނިމޭގޮތަކުން އެ ކުންފުންޏަށް ރަށެއް ނުވަތަ ބަދަލެއް ދޭންޖެހޭ ހާލަތުގައި ދައުލަތުގެ އެ ގާބިލުކަން ހުރުމުން ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރިއިރު ވެސް އެއްބަސްވުން ބާތިލުކޮށްފައި އޮތުމުން އެ ރަށް އެހެން ބަޔަކަށް ނުދޭން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ވެސް ސިވިލްކޯޓުގެ ނިންމުމުގައި ވެއެވެ.

އެހެންކަމުން އެ މައްސަލައިގައި އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެން ޖެހޭނެ ތަނެއް ނެތްކަމަށް ވަނީ ކަނޑައަޅައިފައެވެ.