ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އެމްޓސީސީން ބުނީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން މިހާރު އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ. އަދި ހާބަރ ބްރިޖުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން 66.3 މިލިއަން ރުފިޔާއަށް ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ މާޗް އެކެއްގައެވެ.

މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން ނުވަ މީޓަރު ދިގު، ހަތަރު މީޓަރު ފުޅާ ބުރިޖެއް އެޅުމުގެ މަސައްކަތް ހިމެނޭ އިރު، 2،250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތިއާއި ނެރުބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.