ރާއްޖޭއިން ސިމެންތި ލިބުން ދަތިވެ، އަގު ބޮޑުކޮށް ވިއްކަން ފަށައިފިއެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅަކު 'ވަން' އަށް މިއަދު ވިދާޅުވި ގޮތުގައި، މި މަސް ފެށުނުތަނާހެން ސިމެންތި ލިބުމުގެ ދަތިތަކެއް ދިމާވެދާނެ ކަމުގެ މައުލޫމާތު ސިމެންތި އެތެރެކުރާ ފަރާތްތަކުން ވަނީ ދީފައެވެ. އަދި އެއާ އެކު ކުންފުނިތަކުން ސިމެންތި ވިއްކާ އަގު ވަރަށް ބޮޑުތަނުން މަތިކޮށްފައިވާ ކަމަށާއި އެސްޓީއޯ އިންވެސް ސިމެންތި މިވަގުތު ވިއްކަމުން އަންނަނީ ލިމިޓްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން 106ރ. އަށް ސިމެންތި ބަސްތާއެއް ލިބުނު ނަމަވެސް މިހާރު ސިމެންތި ބަސްތާއެއް ލިބެނީ 165ރ. އަށް ކަމަށާއި ޝޯޓޭޖާ އެކު "ބްލެކް މާކެޓުގައި ޑޮލަރުގެ އަގަށް ވާހެން ސިމެންތި ވިއްކުމުގައިވެސް އެކި އަގުތައް ގެންގުޅޭ" ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސިމެންތި ލިބުމުގެ ދަތިވިނަމަވެސް މިވަގުތައް މަސައްކަތް ހުއްޓޭ ވަރު ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ސިމެންތި ހޯދަން ވަރަށް އުނދަގޫ. އެކަމަކު މަސައްކަތް ހުއްޓޭ ވަރެއް ނޫން އަދި. ލިމިޓުކޮށްގެން ވެސް ސިމެންތި އަޅުގަނޑުމެނަށް އެބަ ލިބޭ. އެކަމަކު މިހެން ހަފްތާއެއް ވަރު ވެއްޖެއްޔާ އަޅުގަނޑުމެންގެ މަސައްކަތްތަކަށްވެސް ދަތިވާނެ." އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސެން އަމްރު "ވަން" އަށް މިއަދު ވިދާޅުވީ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ސިމެންތި ސަޕްލައި ކުރުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި އެހެން ނަމަވެސް މި މަހުގެ 25 އިން ފެށިގެން އަނެއްކާ ވެސް ސިމެންތި ލިބެން ފަށާނެ ކަމަށެވެ. އަދި މިވަގުތު ސިމެންތި ލިމިޓްކޮށްގެން ވިއްކި ނަމަވެސް އެސްޓީއޯއިން ވިއްކާ ސިމެންތީގެ އަގު ބޮޑުނުވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ރާއްޖެއަށް ސިމެންތި އެތެރެކޮށް ވިއްކާ އެޕޯލޯއިން މިވަގުތު ހުރީ ސިމެންތި އެއްކޮށް ހުސްވެފައެވެ. އެޕޯލޯގެ އޮފިޝަލަކު 'ވަން' އަށް ވިދާޅުވިގޮތުގައި ސިމެންތި ލިބެން އަދި ހަފްތާއެއް ނުވަތަ ދެހަފްތާ ވަރު ނަގާނެއެވެ.

ސިމެންތި އެތެރެކޮށް ވިއްކާ ފަރާތްތަކުން ގެންނަ ސިމެންތި ޝިޕްމަންޓުތައް މި މަހުގެ 25،20 ހިސާބުގައި ރާއްޖެއަށް ލިބުނަސް އެ ބޯޓުތައް ހުސްކުރެވި ސިމެންތި ވިއްކަން ފެށޭއިރު އޮންނާނީ ގާތްގަނޑަކަށް މަސް ނިމެން ކައިރިވެފައެވެ. އެހިސާބަށް ދާއިރު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބޮޑެތި ކުންފުނިތަކުގެ ގިނަ ޕްރޮޖެކްޓުތަކުގެ މަސައްކަތް ހުއްޓުމަކަށް ދިއުންވެސް އެކަށީގެން ވެއެވެ.