ވަކި އަދަދެއް ނެތް ގޮތަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލްގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު މިމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ވަރަށް ފޯމު ހުށަހަޅާފައިނުވާ ކަމަށެވެ. އެހެން ކަމުން އަލުން މި ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި ވަޒީފާއަށް ވަކި އަދަދަކަށް މީހުން ހޮވުމަށް ނިންމާފައިނުވާ ކަމަށެވެ.

ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަކީ ގުރޭޑު 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހެ އެވެ. މީގެއިތުރުން އެ މީހަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެ އެވެ. އެމީހަކީ ފިރިހެނެއް ނަމަ ކުރުވެގެން ފަސް ފޫޓު އެއްއިންޗި އަދި އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަމަވާ މީހަކަށް ވެސް ވާން ޖެހެ އެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ހީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ އެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.

ވަޒީފާ އަށް ހޮވޭ ފަރާތްތަކަށް މުސާރަ އާއި އިނާޔަތްތަކާއެކު 11421 ރުފިޔާ ލިބޭނެ އެވެ. އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ 13:00ގެ ކުރިން އެކަމަށް އެދޭ ފޯމު ހުށަހަޅާން ޖެހެ އެވެ.