ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑުން ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ގެޓާފޭ ބަލިކޮށްފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ، ރެއާލް ވަނީ ލަލީގާ ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑު ދަމަހައްޓައިފައެވެ. އެއްވަނައިގައި ރެއާލްއަށް 31 މެޗުން 72 ޕޮއިންޓް ލިބިފައި އޮތް އިރު، ދެވަނައިގައި އޮތް ސެވިއްޔާއަށް ލިބިފައި ވަނީ 31 މެޗުން 60 ޕޮއިންޓެވެ. މިވަގުތު ތިންވަނައިގައި އޮތީ 29 މެޗުން 57 ޕޮއިންޓް ހޯދައިފައި އޮތް ބާސެލޯނާއެވެ.
ހަތަރުވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 31 މެޗުން 57 ޕޮއިންޓާއެކުގައެވެ. އެތުލެޓިކޯއަށް ރޭ ބާސާއަށްވުރެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފި، 17 ވަނައިގައި މަލާކޯ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
މި ހަފުތާ ތެރޭގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ޗެލްސީއާ ދެކޮޅަށް ނުކުންނަން ޖެހޭތީ ރެއާލްގެ ކޯޗު ކާލޯ އެންސެލޯޓީ ވަނީ ބައެއް ކުޅުންތެރިންނަށް ރެސްޓްވެސް ދީފައެވެ. ރެއާލްއިން ލަންޑަންގައި ކުޅުނު ފުރަތަމަ ލެގު 3-1 އިން ކާމިޔާބު ކޮށްފައި އޮތް އިރު، އަމިއްލަ ދަނޑުގައި ޗެލްސީއާ އެއްވަރުކޮށްލިޔަސް ޗެމްޕިއަންސް ލީގު ސެމީއަށްދާން ރެއާލްއަށް ފުރުސަތު އެބައޮތެވެ.
ރޭގެ މެޗަށް ރެއާލް ނުކުތީ މެދުތެރެއިން ލޫކާ މޮޑްރިޗާއި ޓޯނީ ކްރޫސްއަށްވެސް ރެސްޓް ދީގެންނެވެ. އެހެން ނަމަވެސް އެތަން ފޫބައްދަން ނުކުތް އެޑުއާޑޯ ކަމަވިންގާއާއި ފެޑެރީކޯ ވަލްވާޑޭ ވަނީ ރޭގެ މެޗުގައި ރަނގަޅަށް ކުޅެފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ރެއާލްއަށް ލީޑު ނަގައިދިނީ ކަސަމޭރޯއެވެ. އޭނާ ޖެހި ގޯލަކީ ވިނީޝިއަސް ޖޫނިއާ ބޫޓުގެ ބޭރު ފަޅިން އޭރިއާ ތެރެއަށް ނަގައިދިން ހިތްގައިމު ހުރަހަކުން ބޮލުން ޖެހި ގޯލެކެވެ. މެޗުގެ ދެވަނަ ގޯލު ރެއާލްއިން ޖެހީ 68 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ރޮޑްރީގޯ ދިން ޕާހަކުން ލޫކަސް ވަޒްކުއޭޒް ޖެހި ގޯލެކެވެ.
ރޭގެ މެޗުގައި ރެއާލްއިން 26 ޝޮޓެއް ހަދާފައިވާ އިރު، މެޗުން މޮޅުވީ ފަސޭހަ ކޮށެވެ. ގެޓާފޭއަށް ރެއާލް ގޯލަށް ނުރައްކާ ކުރެވުނީ ފަހު މިނެޓުގައެވެ. ފަހު މިނެޓުގައި ލިބުނު ފުރުސަތުން އެނެސް އުނަލް ފޮނުވާލި ހަމަލާ އަމާޒުވީ ރެއާލް ގޯލުގެ ދަނޑިއަށެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ