ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރިތަކުރުންތަކަށް ހުޅުމާލެ އިން ސަރަހައްދެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވިދާޅުވެއްޖެއެވެ.

ރޭސިން އެސޯސިއޭޝަން އާ އިއްޔެ ބައްދަލުކުރައްވައި ރައީސް ސޯލިހު ވަނީ މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން އެ އެސޯސިއޭޝަނުގެ މެންބަރުންނާ މަޝްވަރާ ކުރައްވައިފައެވެ. މުލީއާގޭގައި އިއްޔެ ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރޭސިން އެސޯސިއޭޝަނުން ވަނީ މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ދާއިމީ ރޭސިން ޓްރެކެއްގެ ބޭނުންތެރިކަން ފަދަ ކަންކަމާ ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވައިފައެވެ.

ދާއިމީ ރޭސިން ޓްރެކެއް ތިލަފުށި ނުވަތަ ގުޅިފަޅުން ހަމަޖެހެންދެން މޮޓޯ ސްޕޯޓްސް ހަރަކާތްތެރިވާ ފަރާތްތަކުން ފަރިތަކުރުންތައް ކުރިޔަށްގެންދިއުމަށް ސަރަހައްދެއް ބޭނުންވާކަން އެ ސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވުމުން އެކަމަށް ފަސޭހަ ގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށާއި ވަގުތީގޮތުން އެކަމަށް ހުޅުމާލެއިން ސަރަހައްދެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ވަކިކުޅިވަރެއް ތަފާތުނުކޮށް ރާއްޖޭގައި ހުރިހާ ކުޅިވަރުތަކެއް ކުރިއެރުވުމުގައިވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށާއި އެ އެސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް ރޭސިން އެސޯސިއޭޝަނުގެ މެންބަރުންނާއި މަޝްވަރާކުރައްވައިފައެވެ.