ޚަބަރު

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި އަދަދު 5 ބިލިއަން ރުފިޔާއަށް

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުރި އަދަދު ފަސް ބިލިއަން ރުފިޔާއިން މައްޗަށް އަރައިފި އެވެ.

ސޮވެރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ނަގާ ލޯނު ދެއްކުމަށްޓަކައި 2017 ވަނަ އަހަރު އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑަށް ލާރި ޖަމާ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި އެކި ހިދުމަތްތަކުން ލިބޭ ފައިސާއިންނެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެސްޑީއެފްގައި މިހާރު 5.2 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އެ ފަންޑަށް އެންމެ ފަހުން ޖަމާކޮށްފައިވަނީ 149.9 މިލިއަން ރުފިޔާއެވެ. އަދި ފަންޑުގެ ބޭންކް ބެލެންސްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އެބަހުއްޓެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ލޯނުތަކަށް 612 މިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ ހަމައަށް ދެއްކި އަދަދަށްވުރެ 315 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ލޯނުތަކަށް ދައްކާފައިވަނީ 297 މިލިއަން ރުފިޔާއެވެ.