ޚަބަރު

ދައުލަތުގެ އޮފީސްތަކުން ހިންގާނެ އާ މަޝްރޫއުތަކުގެ މައުލޫމާތު ހުށަހަޅަން އަންގައިފި

ދައުލަތުގެ އޮފީސްތަކުން އަންނަ އަހަރު އަލަށް ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހުށަހަޅަން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ސާކިއުލާގައިވާ ބުނެފައިވަނީ 2023 އިން 2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ފަށާފައިވާތީ، ބަޖެޓް އެކުލަވާލުމުގެ ފުރުތަމަ މަރުހަލާގައި ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް (ނިއު ޕޮލިސީ އިނިޝިއޭޓިވް) އެކުލަވާލައި، ހުށަހެޅުން ހިމެނޭ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ 2023 އިން 2025 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭން (އެސްއޭޕީ / އެންއާރްއާރް) ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެކެވެ.

މިނިސްޓްރީން ބުނީ، ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގައި ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ އެސްއޭޕީ އަދި އެންއާރްއާރްގައި ހިމެނޭ ކަންތައްތައް ހާސިލްވާނެގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާންވާނެ ކަމަށެވެ.

އަދި ނިއުޕޮލިސީ އިނިޝިއޭޓިވްގެ ގޮތުގައި ހުށަހަޅާ ޕްރޮގްރާމް ނުވަތަ މަޝްރޫއުގެ ސަބަބުން މިންތީގެ ހަމަހަމަކަމަށް ކުރާނެ އަސަރާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (އެސްޑީޖީ) ގޯލްތަކާ ހުރި ގުޅުން ބަޔާންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާ ކަންތައްތަކަކީ އެ ސިޔާސަތެއް ތަންފީޒުވުމުން ބަޖެޓުން ކުރެވޭ ހޭދައާ އެއްހަމަ ނަތީޖާއެއް ނެރެވޭ އަދި ކަނޑައަޅާފައިވަ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ކަންތައްތަކަށް ވާންވާނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

މި ކަންކަން isles.gov.mv މެދުވެރިކޮށް ހުށަހަޅަން އަންގާފައިވަނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ. އަދި ލޯކަލް ކައުންސިލްތައް އެ ސާކިއުލާއަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.