ގްރީން ކްލައިމެޓް ހޮސްޕިޓަލް ޕޮލިސީ ސްޓްރްޖެޓީ އާއި ނޭޝަނަލް ހެލެތު އެޑަޕްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ.
ކްލައިމެޓް ހޮސްޕިޓަލް ޕޮލިސީ ސްޓްރްޖެޓީ އާއި ނޭޝަނަލް ހެލެތު އެޑަޕްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.
ގްރީން ކްލައިމެޓް ހޮސްޕިޓަލް ޕޮލިސީ ސްޓްރްޖެޓީ އަކީ، ދެމެހެއްޓެނެވި ތިމާވެއްޓާ ރައްޓެހި އަދި ކާބަން މަދުކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަވާ ގޮތަށް ސިއްހީ ހިދުމަތްދޭ ތަންތަން ފަރުމާކުރުމަށް އަދި އެތަންތަނުން ހިދުމަތް ދިނުމުގައި ތިމާވެއްޓާ ރައްޓެހި ވަސީލަތް ބޭނުންކުރުމުގެ މަގުސަދުގައި އެކުލަވާލި ޕޮލިސީއެކެވެ.
ނޭޝަނަލް ހެލެތު އެޑަޕްޝަން ޕްލޭނަކީ، ރާއްޖެއަށް ދިމާވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ސިއްހީ ދާއިރާއަށް ކުރާ އަސަރުތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމަށް ހެދި ޕްލޭނެކެވެ. އެ ޕްލޭންގެ މައިގަނޑު މަގުސަދަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ސިއްހީ ނިޒާމަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ސިއްހީ ދާއިރާގެ ސިޔާސަތުތަކާއި މަޝްރޫއުތަކާއި ހިދުމަތްތައް މިހާރު ބައްޓަންކުރަމުން ދަނީ ތިމާވެއްޓާ ރައްޓެހި ސިޔާސަތެއްގެ ދަށުން ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ ހިދުމަތްތައް ފެހިކުރުމުގެ މަސައްކަތުގެ ތެރެއިން ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް "ކްލައިމެޓް ސްމާޓް" ތަންތަނަށް ހެދުމުގެ އަމާޒު ގެންގުޅުއްވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
ސިއްހީ ހިދުމަތް ދިނުމުގައި ބޭނުންކުރާ ޓެކްނޮލޮޖީއަކީ ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ކަމުގައި ވެގެން ދާނެ ކަމަށާއި ސިއްހީ ހިދުމަތްދިނުމުގައި އުފެދޭ މެޑިކަލް އަދި އެހެހެނިހެން ކުނި، ތިމާވެއްޓަށް ރައްކާތެރި ގޮތުގައި ނައްތާލެވިގެންދާނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.