ތިމާވެއްޓަކީ ދުޅަހެޔޮ ވެއްޓަކަށް ވެގެން މެނުވީ ހަގީގީ ދުޅަހެޔޮކަމެއް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މާތްﷲ ދެއްވާފައިވާ އެންމެ ބޮޑު އެއް ނިއުމަތް ކަމަށެވެ.

‎ނައިބު ރައީސްގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެއްޓަކީ ދުޅަހެޔޮ ވެއްޓަކަށް ވެގެން މެނުވީ ހަގީގީ ދުޅަހެޔޮކަން ނުލިބޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި ތިމާވެށީގެ ނާޒުކުކަން ހާމަކޮށްދީ، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ގައުމެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެމުންގެންދާ ކަމަށާއި އެގޮތުން އދ.ގެ އާންމު މަޖިލީހާއި އެންމެފަހުން ބޭއްވުނު ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ތަގުރީރުގައި ވެސް ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތަރައްގީވެފައިވާ ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް ތިމާވެށި ހިމާޔަތްކުރުމަށް ބާރު އަޅުއްވާފައިވާ ކަމަށެވެ.

ރައްޔިތުންނަށް ފަސޭހައިން ސިއްހީ ހިދުމަތްތައް ލިބިދިނުމަކީ ރައީސް ސޯލިހު ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލުތައް ގާއިމުކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ވެސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިފަދަ ބޮޑު މަސައްކަތެއް ކުރިއަށް ގެންދާ އިރު, އެ ފަސް ސަރަހައްދަށާއި މުޅި ސިއްހީ ދާއިރާއަށް ބޭނުންވާ މިންވަރަށް ސިއްހީ ހިދުމަތްތެރިން ތަމްރީނުކުރުން މުހިންމު ކަމަށެވެ.