ރަމަޟާން މަހުގެ ރޭތައް އިހުޔާކުރުމަށް ބާއްވާ ފޯރަމްތަކުގައި ބައިވެރިވާ މީހުންގެ މެދުގައި ގުރުއަތު ނަގައި އިނާމު ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިހުޔާ ފޯރަމްތަކުގައި ބައިވެރިވާ މީހުންގެ މެދުގައި ގުރުއަތު ނަގައި އިނާމު ދިނުމަށް ނިންމާފައިވާކަން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި އިހުޔާ ފޯރަމުގައި އިއުލާންކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.
ރޭގެ އިހުޔާ ފޯރަމް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިހުޔާ ފޯރަމްތަކުގައި ދޫކުރާ ނަންބަރުތައް ފޮރުވާފައި ބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށާއި މާލެއާއި އަތޮޅުތަކުގައި އިހުޔާ ފޯރަމްތައް ކުރިއަށްދާއިރު ކޮންމެ ރެއަކު، ގުރުއަތުން ހޮވޭ މީހުންނަށް އިނާމު ދެވޭނެ ކަމަށެވެ.
ރޯދަ މަހުގެ އެންމެ ފަހު އިހުޔާ ފޯރަމްގައި މާލެއާއި އަތޮޅުތެރޭގައި ބާއްވާ ޖަލްސާތަކުގައި ދޫކުރާ ހުރިހާ ނަންބަރުތައް ވެސް ގުރުއަތުގައި ހިމަނާނެ ކަމަށާއި ގުރުއަތުން ހޮވާނީ މާލެއާއި އަތޮޅުތަކުގެ ނަންބަރުތައް ވަކިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ގުރުއަތުގައި އަތޮޅުތެރެއާއި މާލެ ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވަން ހަމަޖެހިފައިވާ އިރު, އަގުބޮޑެތި އިނާމުތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މާލެ އާއި އަތޮޅުތައް ވަކިން ގުރުއަތު ނަގާގޮތަށް ނިންމީ ގިނަ ބަޔަކަށް އިނާމު ލިބުމުގެ ފުރުސަތު ދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
އިހުޔާ ފޯރަމްތަކުގައި ކޮންމެ ރެއަކުވެސް ހޮވޭ މީހުންނަށް ދޭ އިނާމުތަކުގެ ތެރޭގައި ފައިސާގެ އިނާމާއި މިނިސްޓްރީން ދޭ އިނާމުވެސް ހިމެނެއެވެ.
އަތޮޅު ތެރޭގައި ބާއްވާ އިހުޔާ ފޯރަމްތައް މިރޭ ވަނީ ފަށައިފައެވެ. ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި އިހުޔާ ފޯރަމްގައި ތަގުރީރުކުރެއްވީ ޑރ. ސައުދުﷲ އަލީ އަދި އައްޝައިހް އަބްދުލް އަޒީޒު ހުސައިނެވެ. އެބޭފުޅުން ވާހަކަދައްކަވާފައިވަނީ "ދީނުގެ ޝިއާރުތަކަށް ހުރުމަތްތެރިކޮށް ހިތުން" މައުޟޫއަށެވެ.
މިއަހަރުގެ އިހުޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ އަތޮޅުތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން މިރޭ ކުޅުދުއްފުށީ ސިޓީގައި އިހުޔާ ފޯރަމް ބާއްވާފައިވާ އިރު, މިމަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީގައި، މިމަހުގެ 22 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި އަދި މިމަހުގެ 29 ވަނަ ދުވަހު ރ. އުނގޫފާރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މިއީ ރަމަޟާން މަހުގެ ރޭތައް އިހުޔާކުރުމުގެ ޖަލްސާތައް ބާއްވަން ފެށި ފަހުން އަތޮޅުތެރޭގައި މިފަދަ ޖަލްސާތައް ބާއްވާ ފުރަތަމަ ފަހަރެވެ.
އާދިއްތަ އަދި ބުރާސްފަތި ދުވަހު އިހުޔާ ފޯރަމްތައް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު