ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2020 ވަނަ އަހަރުގެ މާލީ ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި ރައީސް އޮފީހުގެ އޮޑިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެކޮޅުން ވެސް ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 31 ޑިސެމްބަރު 2020 އަށް ނިމުނު މާލީ އަހަރުގެ ހަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފާސްކުރި ބަޖެޓުގެ މަގުސަދުތައް ހާސިލުވާ ގޮތަށް, ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް, ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް, ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހެނިހެން މާލީ ކަންކަން މައިގަނޑު ގޮތެއްގައި ހިންގައި ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ދައުލަތުގެ ބަޖެޓުން 2020 ވަނަ އަހަރު ރައީސް އޮފީހަށް 175 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން މަޖިލީހުން ފާސްކުރި ނަމަވެސް, ފަހުން އެ ބަޖެޓުން ވަނީ 29.3 މިލިއަން ރުފިޔާ އުނިކޮށްފައެވެ. އެހެންކަމުން ރައީސް އޮފީހުގެ އެ އަހަރުގެ ބަޖެޓަކީ 145.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރައީސް އޮފީހުގެ މާލީ ބަޔާންތަކުން ދައްކާ ގޮތުގައި ރައީސް އޮފީހުގެ 2020 ވަނަ އަހަރުގެ ބަޖެޓުން ހަރަދުކޮށްފައިވަނީ 142 މިލިއަން ރުފިޔާއެވެ. އެ ބަޖެޓުން ހަރަދު ނުވެ ހުރީ 12,516 ރުފިޔާއެވެ.

މާލީ ބަޔާންތަކުގައި ރައީސް އޮފީހުން 2020 ވަނަ އަހަރު މުވައްޒަފުންނަށް ހިނގި ހަރަދުގެ ގޮތުގައި އޮތީ 111.4 މިލިއަން ރުފިޔާއެވެ. ޕެންޝަނާއި މުސްކުޅިކުރާ މުވައްޒަފުންނާއި, ވަކި ހިދުމަތަކަށް ނޫން ގޮތްގޮތުން 3.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް މާލީ ބަޔާންތަކުގައި ބުނެފައިވެއެވެ.

ދަތުރުފަތުރު ކުރުމަށް ރައީސް އޮފީހުން ހަރަދުކޮށްފައިވަނީ 2.8 މިލިއަން ރުފިޔާއެވެ. އެއީ 2019 ވަނަ އަހަރަށްވުރެ ބޮޑުތަނުން ކުޑަ އަދަދެކެވެ. އެ އަހަރު ދަތުރުފަތުރު ކުރުމަށް 26.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މާލީ ބަޔާންތަކުން ދައްކައެވެ.

އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށް 3.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު, އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތަށް 14.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް 4.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ މާލީ ބަޔާންތަކުން ދައްކައެވެ.