ޚަބަރު

ބޮޑެތި ބަލިތަކުގައި ގިނަ މީހުން މަރުވަނީ ދުންފަތުގެ ސަބަބުން، އެކަން ހުއްޓާލުމަކީ ފަރުދީ ވާޖިބެއް: ރައީސް

މުހައްމަދު އިޝާން

ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކުގައި ގިނަ ދިވެހިން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކަމަށާއި އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ފަރުދީ ގޮތުން އަދާކުރަންޖެހޭ ވާޖިބެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ ދުނިޔެ ހޫނުވުމާއި ވައި ނުސާފުވުމާއި ފެން ތަގައްޔަރުވުމާއި އުދައެރުމާއި ގޮނޑުދޮށްތައް ގިރުމަކީ ތިމާވެށީގެ ގޮތުން ރާއްޖެ މިވަގުތު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ކަމަކީ ސިއްހީ ދުޅަހެޔޮކަމާ އެތައް ގޮތަކުން ގުޅިފައިވާ ކަމެއް ކަމަށާއި އެހެންކަމުން އަމިއްލަ ސިއްހަތަށް ރައްކާތެރިވާ ފަދައިން ގުދުރަތީ ވެށީގެ ރައްކާތެރިކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އިންސާނުންގެ ސިއްހަތަށް ގެއްލުންދެނިވި އެތައް ކަމަކުން މުޖުތަމައު މިއަދު އޮތީ ވަށައިގެން ބެދިފައި ކަމަށެވެ. ސިއްހީ ވަބާތަކާއި ތިމާވެށީގެ ނުރައްކާތަކާއި ފުރާނައަށް ނުރައްކާކުރާ، ގައިންގަޔަށް ނާރާ ބަލިތައް ދުނިޔޭގެ އެންމެހައި ކަންކޮޅުތަކަށް ފެތުރިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްއްޔާގެ ތަފާސްހިސާބުތަކަށް ހަވާލާދެއްވައި އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން 13 މިލިއަނަށްވުރެ ގިނަ މީހުން މަރުވަނީ ތިމާވެށީގެ ތަފާތު ސަބަބުތައް މެދުވެރިވެގެން ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިބިންމަތީގައި އިންސާނީ ދަރިފަސްކޮޅު ދެމިއޮންނާނީ މި ބިމުގެ ދުޅަހެޔޮކަން ދެމިއޮވެގެން... އެހެންކަމުން، މިޒަމާނުގެ އިލްމީ މަފްހޫމުގައި މާނަކުރާއިރު، ތިމާވެށީގެ ކޮންމެ މައްސަލައަކީ އިންސާނުންގެ ސިއްހަތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކަނޑައަޅާފައިވާ ޝިއާރު "އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ސިއްހަތު" ހަނދާންކޮށްދެނީ އިންސާނުންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ބޭނުންތެރިކަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ހަމައެފަދައިން މި ޝިއާރު އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެނީ، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް، ނުރައްކާތައް ކުރިމަތިވަމުންދާ މިންވަރު. އަދި އިންސާނުންނަށް މިބިންމަތީގައި ދެމިތިބެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދޭ ދަރަޖައަށް، ދުނިޔޭގެ ތިމާވެށި ހަލާކުވެ، އަދިވެސް އިތުރަށް ހަލާކުވަމުންދާކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު ދިރިއުޅުމުން އާންމު ހާލަތަށް އެނބުރި އިއާދަވާއިރު، ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ މެދު ހާއްސަ ސަމާލު ކަމެއް ދޭންޖެހޭ ކަމަށެވެ. އެންމެ ގިނަ ދިވެހިން މަރުވަނީ ކެންސަރާއި ހިތުގެ ބަލިތަކާއި ސްޓްރޯކާއި ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މި ހުރިހާ ބަލިތަކަކީވެސް، ދުންފަތުގެ އިސްތިއުމާލުކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަލިތަކަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަކީ، އެ ބާވަތުގެ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި، ފަރުދީ ގޮތުން އަދާކުރަންޖެހޭ ވަރަށް މުހިންމު ވާޖިބެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ސިއްހަތު ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ވެސް، އެ ދުވަސްވަރެއްގައި ސިއްހީ ގޮތުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުން ކަމަށެވެ.

އެހެންކަމުން، ސިއްހަތާ ގުޅޭ ގޮތުން މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ އެއް ކަމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުން ކަމަށްވާތީ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.