ޚަބަރު

އައްމަޓީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ރަނގަޅަކަށް ނޫން: ޕީޖީ ޝަމީމް

އިބްރާހިމް ޒަކީ

ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ، އިއްޔެ ހައިކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ތިންވަނަ ފަހަރަށް އައްމަޓީ ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު، ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އިއްޔެ އިއްވި ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލީ ހުސްވި މާޗު މަހުގެ 20 ވަނަ ދުވަހު ކަމަށްވާ އިރު، އެ މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ 48 ގަޑިއިރު ފާއިތުވެ ގޮސް، މާޗް 23 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

ހައިކޯޓުން މައްސަލަ ބޭރުކޮށްލި އިރު، ގަޑިއިރުން ކުރަންޖެހޭ ކަންކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ބަޔާންކޮށްފައި ހުރި ނަމަވެސް ގަޑި ގުނާނެ ގޮތެއް ނެތް ކަމަށާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައިވެސް، ގަޑި ގުނާނެ ގޮތް ބަޔާންކޮށްފައި ނެތް ކަމަށާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތް ނިންމަން ކޯޓަށް ގެންދާއިރުވެސް ގަޑި ގުނަނީ ހައްޔަރުކުރާ ދުވަސް ހިމަނައިގެން ކަމަށާއި އިސްތިއުނާފު މުއްދަތުވެސް ގުނަންވާނީ އެ އުސޫލުންކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ހައިކޯޓުގެ އެ ނިންމުން ރަނގަޅުނުވާ ސަބަބު ބަޔާންކޮށް ޕީޖީ ޝަމީމު އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވީ، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ މުއްދަތު ގުނާނެ ގޮތާއި ގުޅޭ މާއްދާގެ (ހ) ގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ހައިކޯޓުން ފާހަގަކޮށްފައިވާ 48 ގަޑިއިރު ގުނާނީ، ކޯޓުން އަމުރު ނެރުނު ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް ބަންދު ދުވަހެއް އަތުވެއްޖެ ނަމަ، އެ ދުވަސް ނުހިމަނާ ކަމަށް ވިދާޅުވެފައިވެއެވެ.

ޝަމީމު ވިދާޅުވެފައި ވަނީ އައްމަޓީ މައްސަލައިގެ މުއްދަތުތަކަށް ބަލައި އިރު، ފުރަތަމަ މަރުހަލާގެ ކޯޓުން އެެ މައްސަލަ ނިންމީ 20 މާޗުގައި ކަމަށާއި އެއީ ނުގުނާ ދުވަހެއް ކަމަށެވެ. އަދި 21 މާޗަކީ މުއްދަތު ގުނާ ފުރަތަމަ ދުވަސް ކަމަށާއި 22 މާޗަކީ ދެވަނަ ދުވަސް ކަމަށާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކީ 23 މާޗުކަމުން އެއީ ނުގުނާ ދުވަހެއް ކަމަށްވެސް ވިދާޅުވެެފައިވެއެވެ.

ޝަމީމު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަކީ އިސްތިއުނާފުކުރުމާބެހޭ މާއްދާ ކަމަށާއި އެއީ ފުލުހުންގެ ބަންދަށް މީހަކު ލައިގެން 24 ގަޑިއިރުތެރޭގައި ކޯޓަށް ހާޒިރުކުރާ ވާހަކަ އޮތް މާއްދާއެއް ނޫން ކަމަށެވެ. އެހެންކަމުން މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫން ކަމަށާއި އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އިސްތިއުނާފާ ގުޅޭ ކަންކަމުގައި މުއްދަތު ގުނާނީ ގަވާއިދުގައި އޮތް ގޮތަށް، ދަށު ކޯޓުން ނިންމި ދުވަހާއި، އިސްތިއުނާފުގެ މުއްދަތު ހަމަވާ ދުވަސް ނުލައި ކަމަށެވެ.

ޝަމީމު އިތުރަށް ވިދާޅުވީ، އެ ގަވާއިދުގައި މުއްދަތު ގުނާ އިރު، ނުގުނާނެ ދުވަސްތައް ލިޔުނު އިރު، ގާނޫނުގައި ބައެއް އިސްތިއުނާފުގެ މައްސަލަތަކުގައި 48 ގަޑިއިރު، އަނެއްބައި މައްސަލަތަކުގައި 10 ދުވަސް އޮތްކަން ގަވާއިދު ލިޔުއްވި، ސުޕްރީމް ކޯޓަށް ހަމަ ރަނގަޅަށް އެނގޭނެ ކަމަަށެވެ.

"ވަގުތު ގުނުމާގުޅޭ މި އުސޫލަކީ، މިހާތަނަށް އަމަލުކުރަމުން އައިވެސް އުސޫލެވެ. މިމައްސަލަ ބެއްލެވި ފަނޑިޔާރުންވެސް، މީގެ ކުރިން އެތައް މައްސަލައެއްގައި، މިހާރު އަމަލުކުރަމުންދާ ގޮތަށް މުއްދަތު ގުނާފައިވެސްވެއެވެ. މި މައްސަލައިގައި، ފަނޑިޔާރުންގެ ވިސްނުންފުޅު ތަފާތުވީ ވަކި ހާއްސަ ސަބަބެއް، އެ ގަޒިއްޔާގައި ލިޔުއްވާފައިނުވާތީ، މިމައްސަލަ ހާއްސަވީ ގޮތެއް އަދި ނޭނގެއެވެ.،"