ޚަބަރު

މަސްވެރިކަން ކުރިއެރުވޭނީ ދައުލަތުގެ ކޮންޓްރޯލުން ނެއްޓި، ގޭދޮށު މަސް ފެކްޓަރީތައް އެޅިގެން: ނަޝީދު

އަލީ ޔާމިން

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވޭނީ އެ ސިނާއަތް ދައުލަތުގެ ކޮންޓްރޯލުން ނެއްޓި، ގޭދޮށު މަސް ޕްލާންޓުތައް އެޅިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ވަރަށް ގިނަ މަސްވެރިންގެ އެމަނިކުފާނަށް ރޭ ގުޅުއްވި ކަމަށާއި އެ މަޝްވެރިންގެ ޝަކުވާތައް އިންތިހާއަށް އެބަހުރި ކަމަށެވެ. މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ، އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި މަސްވެރިންނަށް ކޮށްދޭން ހުށަހަޅާފައިވާ ތަސައްވަރުގައިވާ ކަންކަން ފުރިހަމަނުވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަބަދުވެސް އޮންނަނީ ދައުލަތުގެ ކޮންޓްރޯލުގައިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މަސްވެރިކަން ކުރިއަރުވައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭން އެމްޑީޕީގެ މެނިފެސްޓޯގައި ނޫ އިގުތިސޯދުގެ ދަށުން ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ގޭދޮށު މަސްޕްލާންޓުތައް އެޅުމަކީ މަސްވެރިކަމުގެ ސިނާއަތުގެ ނަފާ އެންމެ ބޮޑަށް ކުރާނެކަން ކަމުގައި ވިދާޅުވިއެވެ.

"ގޭދޮށު މަސް ޕްލާންޓްގެ ސިޔާސަތެވެ. މަސް ގަނޑުކޮށާއި ފިނިކޮށް ރައްކާކުރުމާއި އަދި މަސް ބަންދުކުރުމުގެ މިއަދުގެ ސިނާއަތުގައި، ކުދި، މަސް ބަންދުކުރާ ނިޒާމުތައް އިންތިހާއަށް ފައިދާ ބޮޑުކޮށް އެތައް ގައުމެއްގައި އެބަހިންގައެވެ. ދުވާލެއްގެ މައްޗައް ދިހަ ޓަނު ނުވަތަ ވިހި ޓަނު ބަންދުކުރެވޭ މިންވަރުގެ މަސްބަންދުކުރާ ނިޒާމް ތަކެވެ. ވިހި ތިރީސް މީހުން މަސައްކަތްކުރާ ގޭދޮށު ކުދި ފެކްޓަރީތަކެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ބޮޑުތި މަސްފިނިކުރާ ގުދަންތަކާއި މަސް ބަންދުކުރާ ކާރުހާނާތައް ހަދައިގެން މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދެވެން ނެތްކަން ސާފުވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެހެންކަމުން ގޭދޮށު މަސް ޕްލާންޓުތައް އެޅުން އަވަސްކުރަންޖެހޭ ކަމަށެވެ.

"މިއަދުވެސް، އަނެއްކާވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށެވެ. ވީ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑުކުރުން ހުއްޓާލުމަށެވެ. ރާއްޖޭގެ މަސްވެރިކަން ރަނގަޅު ރަށްރަށުގައި، ރަށު ކައުންސިލާއި މަސްވެރިންނާއި އަދި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމެއްގައި ހިންގާ ކުދި މަސް ފެކްޓަރީތައް ހެދުން އަވަސް ކުރުމަށެވެ." ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ކޮންޓްރޯލްގައި މަސްވެރިކަމުގެ ސިނާއަތް އޮތުމުން ރައީސް ނަޝީދު ފާޑުވިދާޅުވެފައިވާ އިރު، މި ސަރުކާރުން އަންނަނީ، ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ތަރައްގީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފެލިވަރާއި ކަނޑުއޮއްގިރިއާއި ތ. ފުނާއްޑޫ އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ.