ޚަބަރު

ޑަބްލިޔުއެޗްއޯއިން ކޮވިޑު ވޭރިއަންޓް ދެނެގަންނަ މެޝިނެއް ހަދިޔާކޮށްފި

މުހައްމަދު އިޝާން

ވޮލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކޮވިޑު ވޭރިއަންޓް ދެނެގަންނަ ޖީން ސީކުއެންސް މެޝިނެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ހެލެތް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖީން ސީކުއެންސް މެޝިން ޑަބްލިޔުއެޗްއޯގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެޒިންޓިވް ޑރ. ނާޒްނީން އަންވަރެވެ. ރާއްޖޭގެ ފަރާތުން މެޝިނާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ޖީން ސީކުއެންސް މެޝިން ހަދިޔާކުރުމަށްފަހު ޑަބްލިއުއެޗްއޯ މޯލްޑިވްސް އިން ބުނީ، އެ ޓެކްނޮލޮޖީގެ ސަބަބުން ކޮވިޑްގެ ވޭރިއަންޓްތައް ދައުރުވާ މިންވަރު ދެނެގަތުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ޓެސްޓު ހަދަންދާ ހަރަދުވެސް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯ މޯލްޑިވްސްއިން ބުނީ ޖީން ސީކުއެންސިންގެ ކެޕޭސިޓީ އިތުރުކުރުމުގެ ސަބަބުން ކޮވިޑްގެ އިތުރުން އިންފްލުއެންޒާ، ހިމަބިހި ފަދަ ނުރައްކާތެރި އެހެން ބަލިތައް ފެތުރުން ހުއްޓުވައި ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ކަމަށެވެ.

ރާއްޖެއިން މީގެ ކުރިން ޖީން ސީކުއެންސިންއަށް ސާމްޕަލް ފޮނުވީ އިންޑިއާގެ އައިޖީއައިބީ ލެބަށެވެ. އިންޑިއާއިން ނަތީޖާ ލިބެން ގާތްގަނޑަކަށް ދޭއް ނުވަތަ ތިން ހަފުތާ ހޭދަވާއިރު، ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ ގާއިމުކުރެވުމާއެކު، ނަތީޖާ ލިބުން އަވަސް ވެގެންދާނެއެވެ.

ޖީން ސީކުއެންސިން އިން ކޮވިޑް ފެތުރޭ މިންވަރު ބެލުމާއި ވައިރަސްގެ އެކްޓިވިޓީ އަދި އިވޮލިއުޝަން މޮނިޓަރު ކުރުމާއި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެއެވެ.