ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދިނުމަށް ގޮވާލައި ޕީއެންސީ ނައިބު ރައީސް، އަދި ޕީޕީއެމް/ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރު އާދަމް ޝަރީފު މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އާދަމް ޝަރީފު ހުށަހެޅި އެ މައްސަލައިގައި ވަނީ، ހިޔާ ފްލެޓްތައް މީހުންނާ ހަވާލުކުރިއިރު ސަރުކާރުން އެންގިގޮތަށް ތިން މަސް ދުވަހުގެ ތެރޭގައި އެތަންތަނުގައި ދިރިއުޅެން ފެށޭތޯ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ފްލެޓްތައް ހަވާލުކުރިއިރު ފިނިޝިން ނުނިންމާ ހުރުމުގެ ސަބަބުން އެތަންތަން ލިބުނު ގިނަ ފަރާތްތަކުން ދަރަންޏަށް ތަކެއްޗާއި ފައިސާ ނަގައި، އެ ދަރަނިތައް ބޮލުގައި އަޅަންޖެހިފައިވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައިނުވާއިރު، އެހެން ލޯނެއް ވެސް ލިބޭނެ އިންތިޒާމެއް އެފަރާތްތަކަށް ހަމަޖައްސައިދެވިފައި ނެތް ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާއި ތަދުމަޑުކަމަށްފަހު، މާލީގޮތުން ރައްޔިތުންނަށް އަރައިނުގަނެވެނީސް ރޯދަ މަސް ފެށުމާއެކު ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ޖެހުމުން ވަރަށް ގިނަ ބަޔަކަށް މާލީގޮތުން ގިނަގުނަ ދަތިތައް ކުރިމަތިވެފައި ކަމަށެވެ. އަދި ކުލި ނުދައްކައިފިނަމަ ޖޫރިމަނާ ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމުމަކީ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ކުރިމަތިލާން ޖެހޭ އިތުރު ތަކުލީފެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ހުށަހަޅާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކަށް ދޫކޮށްފައިވާ ގްރޭސް ޕީރިއަޑް ހަމަވުމުން އެޗްޑީސީން ވަނީ މިމަހުގެ އެއް ވަނަ ދުވަހު ފްލެޓްތަކުން ކުލިނަގަން ފަށައިފައެވެ. ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 8,500 ރުފިޔާއެވެ.
ހިޔާ ފުލެޓުތަކުން ކުލި ނަގަން ފަށާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުލި ފަސްކޮށްދެމުން ދިއުމަށްފަހުއެވެ. އެންމެ ފަހުން ސަރުކާރުން ކުލި ފަސްކޮށްދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭރު އިތުރު ތިން މަސްދުވަހަށް ހިޔާ ފުލެޓުތަކުގެ ކުލި ފަސްކޮށްދިނުމަށް ނިންމިކަން އިއުލާންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ތިން މަސްދުވަހުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ ނިޔަލަށެވެ.
އެޗްޑީސީން ހިޔާ ފުލެޓުތަކުގެ ކުލި ނަގަން ފަށާފައި މިވަނީ ކުލި ކުޑަކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލަމުންދަނިކޮށެވެ. ކުލި ކުޑަކޮށްދިނުމަށް ގޮވާލައި ގިނަ ބައެއްގެ ސޮޔާއެކު ދާދިފަހުން ވަނީ އެޗްޑީސީއަށް ވެސް ހުށަހަޅައިފައެވެ. ކުލި ކުޑަކޮށްދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދަނީ ހިޔާ ފުލެޓުތަކަށް ބަދަލުވާން އެކި ގޮތްގޮތުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ސްކީމްތަކަށް ފައިސާ ދައްކަމުން އެހާ ބޮޑު ކުއްޔެއް ދައްކަން ޖެހުން ވާނީ އާންމުންނަށް ވަރަށް ދަތި ކަމަކަށް ކަމަށް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު