ޖުމުލަ 26 ޓީމަކުން ވާދަކުރާ ލ. ގަމު ކައުންސިލްގެ ތުނޑީ ރަމަޟާން ކަޕްގެ ފުރަތަމަ މެޗުތައް، ޑެޓްރޮއިޓްސް އެސްސީ އާއި ޑީކޭއެންޒީ އަދި އައުޓްރީފް އެސްސީން ކާމިޔާބުކޮށްފިއެވެ.
ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް، ގަމު ކައުންސިލުން ސްޕޮންސާ ކޮށްގެން މިއަހަރު ބާއްވާ ރަމަޟާން ކަޕް ރޭ ފެށީ ތުނޑީ އަވަށު ފުޓްސަލް ދަނޑުގައެވެ. ގަމުގައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ މީގެ ކުރިންވެސް އެރަށުގައި ފޯރިއާ އެކު ބާއްވާފައިވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް މި ބާއްވަނީ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހުއެވެ.
މުބާރާތް ފެށުމުގެ ގޮތުން ރޭ ތިން މެޗު ކުޅެފައިވެއެވެ. ރޭ ކުޅުނީ ގްރޫޕް އޭގެ ދެ މެޗާއި ގްރޫޕް ބީގެ މެޗެކެވެ. ރޭގެ މެޗުތައް ޝަރަފުވެރި ކޮށްދެއްވީ ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީގެ އިތުރުން ލ. އަތޮޅު ރައީސް އިސްމާއީލް އަލީއެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ޑެޓްރޮއިޓްސް އެސްސީން ގޯޅި ޔޫތު އެކްސް ބަލިކުރީ 7-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޑެޓްރޮއިޓްސްގެ ހުސައިން އަލީ ހެޓްރިކް ހެދިއެވެ. އަދި އަލީ ހުމޭޒު ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖަހައިދިނީ ޒައިދު ޝަރީފާއި އަލީ ޝާމްއެވެ. ގޯޅި ޔޫތުގެ ދެ ގޯލު ޖަހައިދިނީ އަހުމަދު ސުޖާއު އަދި އަހުމަދު ރަޝީދެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ޑީކޭއެންޒީން ވަނީ ޓީއެންޖީ ކޮޅަށް 18 ގޯލު ޖަހައިގެން މޮޅުވެފައެވެ. އެ މެޗު ޑީކޭއެންޒީ އެސްސީން ކާމިޔާބު ކުރީ 18-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޑީކޭއެންޒީގެ އަހުމަދު ވަޖީހް، އިސްމާއީލް އަފާޒް އަދި މުހައްމަދު ޖުމާން ހެޓްރިކް ހަދާފައިވެއެވެ. ހަސަން ރަޔާން އަހުމަދާއި އަހުމަދު އަލްތޯފް އަޒީމް، ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖަހައިފައިވާ އިރު، އަނެއް ގޯލުތައް ޖަހައިދިނީ އަލީ ހިރާޝްއާއި ހުސައިން އަދި އަބްދުލް މަތީން އިބްރާހީމެވެ.
ރޭގެ ފަހު މެޗުގައި އައުޓްރީފް އެސްސީން ލެގަސީ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ލެގަސީގެ ގޯލު އަހުމަދު ހާފިޒް ޖަހައިދިން އިރު، އައުޓްރީފްގެ ގޯލުތައް ޖެހީ އިސްމާއީލް ވަޖީހް (ވައްޖެ) އަދި އިބްރާހީމް ހަމްދާން (ހަމްދެ) އެވެ. އޭގެ ކޮންމެ ކުޅުންތެރިޔަކުވެސް މެޗުގައި ދެ ގޯލު ޖަހައިފައިވެއެވެ. ހަމްދެއަކީ ނިމިދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ތ. ތިމަރަފުއްޓަށް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕުގައި ޖުމުލަ 26 ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، މުބާރާތް ކުޅޭނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.
ކޮންމެ ގްރޫޕަކުންވެސް ދެޓީމު ގަދަ 16ގެ ބުރަށްދާ ގޮތަށް މުބާރާތް ތާވަލު ކޮށްފައިވާ އިރު، ގުރޫޕް އޭ އާއި ބީގައި، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެއެވެ. ބާކީ އަނެއް ހަ ގްރޫޕުގައި، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. މިއަހަރު ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިންއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗު މިރޭވެސް އޮންނާނެއެވެ.
21:30 ކަންމަތި - ބެސްޓް ބޯއީޒް (ގްރޫޕް ބީ)
22:30 ގޯޅި ޖޫނިއާސް - ބެސްޓް (ގްރޫޕް ސީ)
23:30 ގޯޅި އެސްސީ - މަތިވަރު ޖޫނިއާސް (ގްރޫޕް ޑީ)
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް