ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
އައްމަޓީ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅީ އެމަހުގެ 23 ވަނަ ދުވަހުއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު ކުރިން ދެ ފަހަރެއްގެ މަތިންވެސް ކުރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލިއެވެ.
އޭނާ ދޫކޮށްލާ ކޮންމެ ފަހަރަކު ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައެވެ. އެއިން ކޮންމެ ފަހަރަކު ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރިއެވެ. އެގޮތުން އެންމެ ފަހުން އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރީ، 15 ނޮވެމްބަރު 2021 ގައެވެ. އެއީ އެފަހަރު ކަފާލާތުގެ ދަށުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުންނެވެ. އެފަހަރު އައްމަޓީ ދޫކޮށްލީ، އޭނާގެ އަންހެން ދައްތައާއި ކޮއްކޮ ޖާމިނުވާ ގޮތަށެވެ.
އެގޮތުން ތިންވަނަ ފަހަރަށް އައްމަޓީ ދޫކޮށްލައިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލީ، އިޖުރާއީ ގޮތުން އެ މައްސަލަ ބެލެން ނެތްކަަމަށް ކަނޑައަޅައެވެ. ހައިކޯޓުބް އެގޮތަށް ނިންމީ، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރަންޖެހޭ ވަގުތު ފާއިތުވި ފަހުން އިސްތިއުނާފު ކުރުމުންނެވެ.
ކޯޓުން ކުރާ އަމުރެއް އިސްތިއުނާފުކުރަން ދައުލަތަށް ލިބެނީ 48 ގަޑިއިރެވެ.
ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލީ ހުސްވި މާޗް މަހުގެ 20 ވަނަ ދުވަހު ކަމަށްވާ އިރު، އެ މައްސަލަ ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 48 ގަޑިއިރު ފާއިތުވެ ގޮސް، މާޗް 23 ވަނަ ދުވަހު ކަމަށެވެ. އަދި އެ މުއްދަތުގައި އެއްވެސް ބަންދު ދުވަހެއް ނާންނަ ކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު