ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ހެނދުނަށް ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.
ހައި ކޯޓުގައި އެ މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ ހެނދުނު 10:15 ގައެވެ.
ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅީ އެ މަހުގެ 23 ވަނަ ދުވަހުއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު ކުރިން ދެ ފަހަރެއްގެ މަތިންވެސް ކުރިމިނަލް ކޯޓުން ވަނީ އައްމަޓީ ބަންދުން ދޫކޮށްލައިފައެވެ.
އޭނާ ދޫކޮށްލާ ކޮންމެ ފަހަރަކު ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، އޭނާ ބަންދުކުރަން އަމުރު ކުރެއެވެ. އެގޮތުން އެންމެ ފަހުން އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ގައެވެ. އެއީ އެފަހަރު ކަފާލާތުގެ ދަށުން ކުރިމިނަލް ކޯޓުން ދޫކޮށްލުމުންނެވެ. އެފަހަރު އައްމަޓީ ދޫކޮށްލީ، އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށެވެ.
އެފަހަރު އޭނާ ބަންދުކުރަން ހައިކޯޓުން ކުރި އަމުރުގައި ވަނީ، އައްމަޓީ ރާއްޖެއިން ބޭރުގައި ހުއްޓައި ފުލުހަށް ހާޒިރުވުމަށް އެންގުމުން ހާޒިރު ނުވެވޭނެކަން އެންގިކަން ސާފުކޮށް އެނގެން އޮތް ކަމަށާއި މި ހާލަތުގައި އައްމަޓީ ރާއްޖޭގައި މިހާރު އެހުރީ އޭނާއަށް އެހެން ގޮތެއް ނެތިގެން ނޫންކަމާއި އޭނާގެ އަމިއްލަ އިހުތިޔާރުން އައިސް ހުރިކަން ބަޔާންކޮށްދޭން އޭނާއަށް ޖެހޭނެ ކަމަށެވެ.
އެހެންނޫން ނަމަ، އަނެއްކާވެސް ފުރުސަތެއް ލިބިއްޖެނަމަ، ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އެބައޮތް ކަމަށެވެ. އަދި އައްމަޓީއަކީ އިންޓަޕޯލް މެދުވެރިކޮށްވެސް ހާޒިރު ނުކުރެވުނު މީހެއް ކަމަށްވާތީ، މި ހާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިހުތިޔާރުގެ ބޭނުން ދަށު ކޯޓުގެ ފަނޑިޔާރު ހިފާފައިވަނީ އޭނާ ފިލައި ގޮސްދާނެކަން ކަށަވަރު ކުރެވޭ ގޮތަށްތޯ ބަލަންޖެހޭ ކަމަށްވެސް ހައި ކޯޓުގެ އަމުރުގައިވެއެވެ.
ދައުލަތުން އައްމަޓީގެ މައްޗަށްކުރާ ހިޔާނާތުގެ 42 ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.