ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މަޖިލީހަށް މިއަދު ހުށަހެޅުއްވި ލިޔުމުގައި ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަމާއި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒު ކުރާނެތޯ ސުވާލު މިނިސްޓަރު އިމްރާނާ ސުވާލު ކުރެއްވުމަށެވެ.
ތޯރިގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލަ ރޯދަ މަހުގެ ފަހު 10 އެއްގެ ތެރޭގައި މަޖިލީހުގައި އެޖެންޑާ ކޮއްދޭނެ ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދެހާސް ނަވާރަ ވަނަ އަހަރުވެސް އަހުމަދު ތޯރިގު ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް މިނިސްޓަރު އިމްރާން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެމައްސަލަ މަޖިލީހުން އެޖެންޑާކޮށްފައެއް ނުވެއެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގު އަދި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދު ހޯމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ 2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.
އެ ގަވާއިދުގައިވާ މަރުގެ އަދަބު ތަންފީޒުކުރެވޭނީ، ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށްފަހު، މަރުގެ ހުކުމް އިއްވައިފިނަމައެވެ. މަރުގެ އަދަބު ތަންފީޒުކުރުމުގެ މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީހާ އާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު މީޑިއޭޓްކުރަންވާނެއެވެ. އަދި މީޑިއޭޓްކުރުމުގެ ދައުރު އަދާކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހާގެ މައްޗަށް ހަތް ދުވަސް ތެރޭގައި އެ ހުކުމް ތަންފީޒުކުރަން ޖެހޭނެއެވެ. އަދި އެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހުކަން ބަޔާންކޮށް ޕްރޮސެކިއުޓާ ޖެނެރަލް، ކޮމިޝަނާ އޮފް ޕްރިޒަން އަދި އުއްތަމަ ފަނޑިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހާގެ ހުކުމް ފަސްކުރެވޭނެ ހަލާތްތައް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެއީ 18 އަހަރު ނުފުރޭ ކުދިންނާއި މާބަނޑު މީހުންނާއި ބަލި ހާލު ދެރެވެފައިވާ މީހުންނަށް އިއްވާފައިވާ މަރުގެ ހުކުމް ފަސް ކުރެވޭނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގައި ވަނީ އެކަމަށް ހާއްސަ މަރުކަޒެއް ހަދައި ވާންޖެހޭ ހުރިހާ ތައްޔާރީތައްވެސް ވެފައެވެ. ނަމަވެސް ދައުރު ނިމިގެން ދިޔަ އިރުވެސް އެކަން ތަންފީޒުކުރައްވައިފައެއް ނުވެއެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1953 ގައި މުހައްމަދު އަމީންގެ ވެރިކަމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު