ޚަބަރު

މާލޭ ރައްޔިތުންނަށް ގޯތިދޭން ޖޫންމަހު އިއުލާނުކުރާނެ: އަކުރަމް

އިބްރާހިމް ޒަކީ

މާލޭ ރައްޔިތުންނަށް ގޯތި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ގޯތި ދިނުން ކުރިއަށްދާނެ ކަމަށާއި މާލޭން ގޯތި ދިނުން އަންނަ ޖޫން މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކުރަމް މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ދެއްވުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަކުރަމް ވިދާޅުވީ، ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މާލޭން ގޯތި ދިނުން ކުރިއަށްދާނެ ކަމަށެވެ.

ރައީސް ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ 5000 ގޯތި ދޫކުރުމުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ހުސްވި އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވައިފައެވެ.

އެ މައުލޫމާތު މަޖިލީހާ ހިއްސާ ކުރައްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 5000 ގޯތީގެ ތެރެއިން ހުޅުމާލޭން ދޫކުރުމަށް ހަމަޖެހިފައިވާ 1000 ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައި ޗާޓް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ މަސައްތަކާއި އެ ސަރަހައްދަށް ކަރަންޓްލުމަށް އެޗްޑީސީ އާއި އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯއާއެކު މަޝްވަރާކޮށް، އެކަންތައް ކުރިއަށްގެންދިއުމާބެހޭ ތާވަލެއް ހުށަހެޅުމަށް އަންގާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ހުޅުމާލެއިން ގޯދި ދޫކުރާނެ އުސޫލު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަމަށްޓަކައި ކަނޑައަޅާ އުސޫލާ އެއްގޮތަށް ގޯތި ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުޅުވާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އަންނަ ޖޫން މަހުގެ ތެރޭގައި އެ މަސައްކަތްތައް ނިމޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުޅިފަޅުން ދޫކުރަން ހަމަޖެހިފައިވާ 2000 ގޯއްޗާބެހޭގޮތުން ލޭންޑްޔޫސްޕްލޭން ހަދައި ބިން ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ލޯނު އެގްރިމެންޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ގިރާވަރު ފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 ގޯއްޗާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، އެތަނުގެ ބިންހިއްކުމަށްޓަކައި ކުރަންޖެހޭ ޕްލޭންތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެޕްރޮޖެކްޓަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.