ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝަރޫއުގެ ދަށުން، މިހިނގާ 2022 ވަނަ އަހަރު 2159 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އަންނަ 2023 ވަނަ އަހަރު 2429، އަދި 2024 ވަނަ އަހަރު 3361 ޔުނިޓުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.

އެމިނިސްޓްރީން ކުރިއަށްގެންދާ ހައުސިން ޕްރޮޖެކްޓްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މައުލޫމާތުދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ، ރައީސް ސޯލިހު އިއުލާންކުރެއްވި ގޮތަށް ހައުސިން ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ އެކިި ހިސާބުތަކުގައި 60 ޕްރޮޖެކްޓެއް މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ 60 ޕްރޮޖެކްޓުގައި ހިމެނެނީ 720 ކައުންސިލް ހައުސިން ޔުނިޓާއި، 2405 އެޓޯލް ހައުސިން ޔުނިޓާއި، 6370 އެފޯޑަބަލް ހައުސިން ޔުނިޓާއި، 4116 މިޑްރޭންޖް ލަގްޒަރީ ހައުސިން ޔުނިޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ހައުސިން ޕްރޮޖެކްޓްތަކާ ބެހޭގޮތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ލިޔުމުން، ޖަވާބު ހޯއްދެވުމަށް ހައުސިން މިނިސްޓްރީއަށް ފޮނުއްވި ސުވާލުތަކަށް ތަފްސީލުކޮށް ޖަވާބު ފޮނުއްވި ކަމަށެވެ. ނަމަވެސް އެކަންތައް އެބޭފުޅުން މާނަ ކުރައްވާފައިވަނީ ވަރަށް ގޯސްކޮށް ކަމަށާއި އެކަމުގެ ސަބަބުން، އަންނަ އަހަރު އެއްވެސް ހައުސިން ޔުނިޓެއް ސަރުކާރަށް ނުނިންމޭނެ ކަމަށް ނޫސްތަކުގައި ޖަހާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށް ވިދާޅުވެ އެކަމާބެހޭ ތަފްސީލުތައް އަކްރަމް ކޮމިޓީއަަށް ދެއްވިއެވެ.

އަކްރަމް ވިިދާޅުވީ ރާއްޖޭގެ އެކި ރަށްތައް ހިމެނޭ ގޮތަށް 14،528 ހައުސިން ޔުނިޓް މިހާރުވެސް އަޅަމުންދާ ކަމަށާއި، އޭގެ ތެރެއިން މާލޭގައި އަޅާ 2600 ހައުސިން ޔުނިޓް ވެސް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

އިތުރު ތަފްސީލު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް، އަހުމަދު ވިޝާން ވިދާޅުވީ، މިއަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން ވެސް 1700 ހައުސިން ޔުނިޓުގެ މަސައްކަތް ޓެންޑަރިންގައި އެބައޮތް ކަމަށެވެ. އަދި މިވަގުތު ރަށްރަށުގައި 705 ހައުސިން ޔުނިޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތްތައް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މާލޭ ސަރަހައްދުގައި 1687 ހައުސިން ޔުނިޓުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާ ކަމަށާއި އެއީ މިޑްރޭންޖުގެ 727 ހައުސިން ޔުނިޓާއި ލަގްޒަރީ 960 ހައުސިން ޔުނިޓް ކަމަަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ހިޔާ ކުންފުނިތަކުން 2675 ޔުނިޓް ކުރިއަށްގެންދާ ކަމަށްވެސް ވިދާޅުވިއެވެ.