ޓެކްސީ ޑްރައިވަރު، އދ. މާމިގިލީ، ގާސިމް ހަސަން، 59އ މަރާލި މައްސަލައިގައި ކުރާ ދައުވާގައި ހެކިވެރިން ހާޒިރުކުރަން ދީފައިވާ ތާރީހުތަކާ އެއްގޮތަށް ހެކިން ހާޒިރުކޮށްދިނުމަށް ކުރިއަށް އޮތް ތަނުގައި ސަމާލުވުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ދައުލަތަށް އަންގަވައިފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ތާރީހުތަކާ އެއްގޮތަށް ހެކިން ހާޒިރުކޮށްދިނުމަށް ގާޒީ އެންގެވީ، މި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހަޅަން އެދިފައިވާ ބައެއް ހެކިން ހާޒިރުކުރަމުންނުދާތީ، އެކަންބޮޑުވުން ދިފާއުންވެސް ފާހަގަކުރުމާ ގުޅިގެންނެވެ. މިއަދުގެ އަޑުއެހުމަށްވެސް ދެ ހެކިން ހާޒިރުކުރަން ދައުލަތުގެ ފަރާތުން ހަމަޖެއްސި ނަމަވެސް މިއަދުވެސް ހެކިބަސް ދިނީ އެންމެ ހެކިވެރިއެކެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ވަނީ ދައުވާއަށް އިއުތިރާފުވެ، މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދިފައެވެ. އަދި އެކަމާ ގުޅިގެން އޭނާގެ ދިފާއީ ވަކީލު ވަނީ އިއުތިރާފުގެ އެއްބަސްވުމަކާއެކު ކުރިއަށްދާން އަދުހަމު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ގާޒީ އަލީ ނަދީމު ވަނީ، އަދަބަށް ލުއި ލިބެނީ، އިބްތިދާއީ މަރުހަލާގައި އިއުތިރާފުވުމުން ކަމަށާއި ޝަރީއަތް ފެށުމަށްފަހުވާ އިއުތިރާފުގެ އަދަބަށް ލުއި ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެކުރިވެސް އަދުހަމްވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން އެކަމަށް އިންކާރުކޮށް އޭނާ ބުނެފައިވަނީ، އެ ކަމަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި އެއީ ގަސްތު މަރެއްނޫން ކަމަށް ބުނެފައެވެ.
އެހެންކަމުން އެ މައްސަލަ ނަދީމްގެ މައްޗަށް ސާބިތުކުރުމަށް މިހާރު ކުރިއަށްދަނީ ހެކިން ހާޒިރު ކުރުމުގެ މަރުހަލާއެވެ.
އެގޮތުން ކުރިމިނަލް ކޯޓުގައި މިއަދު އޮތީވެސް ދައުލަތުގެ ފަރާތުން ހެކިން ހުށަހަޅައި ހެކިބަސް ނެގުމެވެ. ދެ ހެކިން ހާޒިރުކުރަން އޮތް ނަމަވެސް މިއަދުގެ އަޑުއެހުމަށް ހާޒިރުވީ އެންމެ ހެކިވެރިއެކެވެ.
ގާސިމްގެ ހަށިގަނޑުގެ ރިޕޯޓު އެކުލަވައިލި ޑޮކްޓަރު ރާއްޖޭގައި ނެތުމުން، ދިފާއުން އިއުތިރާޒު ނުކުރާ ނަމަ، އެ ރިޕޯޓުގައި ހިމެނޭކަންތައްތައް ކިޔައިދޭން އެހެން ޑޮކްޓަރަކު ގެންނަން ދައުލަތުން މިއަދު އެދުނެވެ. ދިފާއުން ދެކޮޅު ހަދާފައިނުވާތީ ގާޒީ ނަދީމް އެކަމަށް ފުރުސަތު ދެއްވިއެވެ.
ދައުލަތުގެ ފަރާތުން މިއަދު ކޯޓަށް ހާޒިރުކުރީ، ގާސިމް މަރަން، އަދުހަމް ބޭނުންކުރި ކަމަށް ދައުލަތުން ބުނާ ވަޅި ހޯދި ކެފޭގައި މަސައްކަތް ކުރި، ބަންގްލަދޭޝްގެ ރައްޔިތެކެވެ. ޝަރީފުލް އިސްލާމް ކިޔާ އެ މީހާ ހެކިބަސްދީފައި ވަނީ، އޮންލައިންކޮށް ރ. އުނގޫފާރު މެޖިސްޓްރޭޓު ކޯޓުންނެވެ.
ހެކިބަސްދެމުން އޭނާ ބުނީ، ކެފޭގައި މަސައްކަތް ކުރަމުން ދަނިކޮށް، މީހަކު މަސްކަނޑާ ވަޅިއެއް ބޭނުންވެގެން އުޅޭ ކަމަށް އޭނާ ގާތު ކެފޭގެ މުވައްޒަފު ބުނި ކަމަށެވެ. އަދި ފަހުން އެ ވަޅި ގެނެސްދޭނެ ކަމަށް އެ މީހާ ބުނި ކަމަށެވެ.
ނަމަވެސް އޭނާ އެ ވަޅި ހަވާލުކުރީ އޭނާގެ ކައިރީގައި އެވާހަކަ ބުނި މީހާއަށް ކަމަށާއި އޭގެފަހުން ކަން ހިނގި ގޮތް ނޭނގޭކަމަށް އޭނާ ބުންޏެވެ. އެ ވަޅިއާ ގުޅޭގޮތުން އިތުރަށް ސުވާލުކުރުމުން އޭނާ ބުނީ، އެ ވަޅި އަނބުރާ ކެފޭއަށް ގެނެސްފައިނުވާ ކަމަށެވެ.
ވަޅި އަނބުރާ ނުގެންނަކަން އެނގެނީ ކިހިނެއްތޯ ދިފާއުން ސުވާލުކުރުމުން އޭނާ ބުނީ، ވަޅި ގެނައި ނަމަ އޭނާއަށް އެނގޭނެ ކަމަށާއި އެތަނުގެ މަސައްކަތުގައި ރޭގަނޑު ތިބި މީހުން ގާތުގައި އެހުމުންވެސް ވަޅި ނުގެންނަ ކަމަށް އެމީހުން ބުނި ކަމަށެވެ.
ކެފޭއިން އަދުހަމް އަތަށް ވަޅި ދިން ކަމަށް ބުނާ މުވައްޒަފު މިހާރު ހުރީ ރާއްޖޭން ޑިޕޯޓުކޮށްލައިފައެވެ. އެހެންކަމުން އޭނާ ހާޒިރު ނުކުރެވޭނެތީ، ތަހުގީގަށް އޭނާ ދިން ބަޔާނަށް ޝަރީއަތުން ރިއާއަތް ކުރުމަށް ދައުލަތުން އެދުނެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރެއެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު