ރައްޔިތުންގެ މަޖިލީހުގެ އެއް މެމްބަރަކަކާއި އަނެއް މެންބަރަކު ބަހުސްކުރުމަށް އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ކުންފުންޏާބެހޭ ބިލުގެ ބަހުސްގެ ތެރެއިން، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ މެދުގައި ހިނގި ބަހުސަކާ ގުޅިގެންނެވެ.
ބިލަށް ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ސަރުކާރުން ކުންފުނި ހަދައިގެން ސިޔާސީ ބޭނުމަށް މީހުންނަށް ވަޒީފާ ދޭކަމުގެ ޝަކުވާއާއި ކޮންމެ އިންތިހާބަކާ ދިމާކޮށް ކުންފުނިތަކުން ވަޒީފާގެ ބިރު ދައްކަމުންދާ ޝަކުވާއަކީ ބޮޑުވެފައިވާ ކަމެއް ކަމަށެވެ.
މިހާރު އޮތް ބިލުގައި ފަސޭހައިން ކުންފުނި ހެދޭނެ ގޮތް ސަރުކާރަށް ފަހިވެފައި އޮތުމަކީ ރަނގަަޅުގޮތެއް ނޫން ކަމަށާއި ކޮރަޕްޝަނާއި ވަޒީފާގެ ބިރު ދެއްކުމުގެ މަސައްކަތްތައް ބެލޭނެ އެކަށީގެންވާ ނިޒާމެއް ނެތް ހާލަތެއްގައި އެފަދަ ގޮތަކަށް އޮތުމަކީ މުސްތަގުބަލުގައި ގެއްލުންތައް ލިބޭނެ ކަމެއް ކަމަށެވެ.
އުޝާމް ވިދާޅުވީ، ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރަނގަޅަށް ނުބެލޭކަމުގެ ޝަކުވާ މަޖިލިސްތެރޭގައިވެސް ކުރަމުންދާ އިރު، އޭސީސީ ރަނގަޅަށް ހިނގާތޯ ބެލުމަށް، މަޖިލީހަށް އޮންނަ ޒިންމާވެސް އަދާ ނުކުރެވޭ ކަމަށެވެ.
އެކަމާ ހަވާލުވެ އޮންނަ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށްވެސް އެކަން ނުކުރެވޭ ކަމަށާއި އެކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އެކަމާ ހިތާމަކުރައްވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައްތިތުންގެ މަޖިލީހުގެ މިހިނގާ، މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން މަަސް ފާއިތުވި އިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި އެންމެ ތިން ބައްދަލުވުމެއް ކަމަށާއި އޭގެ ތެރެއިން ދެ ބައްދަލުވުމަކީ އޭސީސީއަށް މެންބަރުން އައްޔަންކުރަން ބޭއްވި ދެ ބައްދަލުވުން ކަމަށެވެ.
އުޝާމްގެ ވާހަކަތަކާ ގުޅިގެން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިއު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ނިޒާމީ މައްސަލަ ނެންގެވިއެވެ.
އޭނާ ވިދާޅުވީ، އެ ކޮމިޓީއަކީ މަސައްކަތްތައް ތޮއްޖައްސައިގެން އޮންނަ ކޮމިޓީއެއް ނޫން ކަމަށެވެ. އެއީ ބަރާބަރަށް މަސައްކަތްތައް ކުރަމުންދާ ކޮމިޓީއެއް ކަމަށާއި އެގޮތުން މަޖިލީހުން މިހާތަނަށް ދުވަހަކުވެސް މަސައްކަތް ކޮށްފައިނުވާ ގޮތަށް، މިނިވަން މުއައްސަސާތަކަށް ޒިޔާރަތްކޮށްގެން އެ މުއައްސަސާތަކުގެ ހާލަތު ކޮމިޓީން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، އެގޮތަށް ކޮމިޓީގެ މަސައްކަތް ކުރިއަށްދަނިކޮށް، އެ މޭރުމުން އުޝާމް ވާހަކަދެއްކެވުމަކީ ކޮމިޓީގެ ހުރިހާ މެންބަރުންނަށް ކުރެއްވި ބޭ އިންސާފެއް ކަމަށެވެ. ރޮޒެއިނާގެ ވާހަކަތަކާ ގުޅިގެން އުޝާމް ވިދާޅުވީ އެއީ ޒާތީގޮތުން ދެއްކި ވާހަކައެއް ނޫން ކަމަށެވެ.
އެ ދެ މެމްބަރުންގެ ވާހަކައާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވަ ކަމަށެވެ. އަދި އެއް މެމްބަރަކާއި އަނެއް މެމްބަރަކު ބަހުސްކުރުމަށް އޮތް ހަމައެކަނި ނިޒާމަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.