މިއީ ރާއްޖޭގެ ފައިސާ ގަނެ ވިއްކާ އަގު ހިފެއްހެއްޓުމެއް ނެތި ދޫކޮށްލަން ވީ ވަގުތު ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފައިސާ ގަނެ ވިއްކާ އަގު ހިފެއްހެއްޓުމެއް ނެތި ދޫކޮށްލައިފިނަމަ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލެވިދާނެ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ފްރީ ފްލޯޓް ކުރަންވީ ވަގުތު. ޑޮލަރުގެ ކަޅު ބާޒާރު މުޅިން ނައްތާލެވިދާނެ،" ނަޝީދު ވިދާޅުވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރަށް ކަނޑައަޅާފައިވާ ފިކްސްޑް ރޭޓް، ފްރީ ފްލޯޓް ކުރުމަށް ނަޝީދު މިއަދު ގޮވައިލެއްވިއިރު، މިއަދު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 16.90 ރުފިޔާ އާއި 16.80 ރުފިޔާ ދެމެދުގައެވެ. ރޯދައިގެ ކުރިން އެ އަގުތައްހުރީ 17.90 ރުފިޔާ އާއި 17.60 ރުފިޔާ ދެމެދުގައެވެ. އެމްއެމްއޭއިން ކަނޑައަޅާފައިވާ އަގަކީ 15.42 ރުފިޔާއެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާބޮޑަށް ތިރިވެފައިމިވަނީީ ބާޒާރުގައި ޑޮލަރު އިތުރުވުމުގެ ސަބަބުންނެވެ. ޑޮލަރު އިތުރުވީ މިނިމަމް ވޭޖާ ގުޅިގެން ރިސޯޓު މުވައްޒަފުންނަށް ލިބޭ މުސާރަތައް ރަނގަޅުވެ އެ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުވުމުން ކަމަށް ޑޮލަރުގެ ވިޔަފާރިކުރާ މީހަކު ބުންޏެވެ.
މީގެ އިތުރުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ ސަބަބުން ސަރުކާރަށް ބޭނުންވާ ވަރަށް ޑޮލަރު ލިބެމުންދާތީ ވިޔަފާރިވެރިން ޑޮލަރު ހޯދަމުންދަނީ ބޭންކުތަކުން ކަމަށް ވެސް އޭނާ ބުންޏެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން 2020 ވަނަ އަހަރު ޑޮލަރު ލިބުން ވަރަށް ބޮޑަށް ތާށިވިއެވެ. މިދިޔަ އަހަރު ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް އެރިއެވެ.