ރޯދަ މަހުގެ ތިންވަނަ ދުވަހާ ބައްދަލުކުރިއިރު މާރުކޭޓުގައި ބައެއް ތަކެތީގެ އަގު ތިރިވާން ފެށި ނަމަވެސް، ގިނަ ތަކެތީގެ އަގު އަދިވެސް ހުރީ ދާދި އެއްވަރެއްގައެވެ.
އާދައިގެ މަތިން ކޮންމެ ރޯދަމަހެއްގައިވެސް މިިރުހުގެ އަގު އުފެލޭ ފަދައިން މިއަހަރުވެސް މިރުހުގެ އަގު އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އިއްޔެ 750ރ އިން ދަށުން ކިލޯ ވިއްކަމުން އައި ލ މިރުސް މިއަދު ބާޒާރު ގޮޅިތަކުން ވިއްކަން ހުރީ ކިލޯއެއް 850ރ އަށެވެ. ބައެއް ގޮޅިތަކުން 750-800ރ އަށް ލ މިރުސް ވިއްކަން ހުރި އިރު ކަނޑޫދޫ މިރުހާއި ތޮޅި މިރުސް މިއަދު ލިބެން ހުރީ ވަރަށް މަދު ގޮޅިއަކުންނެވެ. ސަޕްލައި ދަށްވެ އަގުބޮޑުވާނެ ކަމަށް ހީކުރެވުނު ނަމަވެސް ކަނޑޫދޫ މިރުސް ކިލޯއެއް މިއަދުވެސް ލިބެންހުރީ 600-750ރ އަށެވެ.
ރޯދަމަސް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބޮޑުވާން ފެށި ލުނބޯގެ އަގުވެސް މިހާރު ވަނީ މަޑުމަޑުން ދަށަށް ދާން ފަށައިފައެވެ. އިއްޔެއާ ހަމަޔަށް ލުނބޯގެ ކިލޯއެއް 110ރ އިން މަތީގައި އުޅުނު ނަމަވެސް މާރުކޭޓު ގޮޅިތަކުން މިއަދު ލުނބޯ ކިލޯއެއް ވިއްކަމުން ދަނީ 90-100ރ އަށެވެ.
ފަނިގިރާ ތަކެއްޗަށް ބަލާއިރު ތޮއްޑޫ ކަރާގެ އަގު އަދިވެސް ހުރީ ކިލޯއެއް 25ރ އަށެވެ. އަލަނާސި ކަރާ ކިލޯއެއް 35ރ އަށް ލިބެން ހުރިއިރު މިއީ މި ރޯދަމަހު އަލަނާސި ކަރާ މާރުކޭޓަށް އައި ފުރަތަމަ ދުވަހެވެ. ލިބެންހުރީވެސް އެންމެ ގޮޅިއަކުންނެވެ.
ރޮކް މެލަން ކިލޯއެއް 70-75ރ އަށް ލިބެން ހުރި އިރު ހަނީ މެލަން ކިލޯއެއް ލިބެން ހުރީ 45ރ އަށެވެ. މިސުރު ފޭރު ކިލޯއެއް 150ރ އަށް ލިބެން ހުރި އިރު ލަންކާ އަދި ބަންގްލަދޭޝް ފޭރު ލިބެން ހުރީ ކިލޯއެއް 85-90ރ އަށެވެ. އަދި މިއަދުވެސް 40ރ އަށް ކުރުނބާ ލިބެންހުރި އިރު ޖުމްހޫރީމޭވާ ކިލޯއެއް މިއަދު ބާޒާރުން ލިބެން ހުރީ 80-120ރ އަށެވެ.
ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު ކޮޕީފަތް ބޮނޑިއެއް މިއަދު ލިބެނީ 10ރ އަށެވެ. އަދި ކަންކުން ބޮނޑިއެއް 8ރ އަށް ލިބެން ހުރި އިރު ކުއްޅަފިލާފަތް ބޮނޑިއެއް ލިބެނީ 15ރ އަށެވެ. ހިކަނދިފަތް ބޮނޑިއެއް 10ރ އަށް ހުރި އިރު ރާނބާ ފަތެއް ލިބެނީ 5ރ އަށެވެ.
ތަރުކާރީ އާއި ފަލަމަޑީގެ ބާވަތްތަކަށް ބަލާލާއިރު ކިއުކަމްބާ ކިލޯއެއް އުޅެނީ 30ރ އަށެވެ. ބަށި ކިލޯއެއް 55ރ އަށް ލިބެންހުރި އިރު ބީންސް ކިލޯއެއް ލިބެން ހުރީ 70ރ އަށެވެ. ބަޓާނާ ކިލޯއެއް 55ރ އަށް ލިބެން ހުރި އިރު ލެޓިއުސް ކިލޯއެއް ލިބެނީ 60ރ އަށެވެ. އަދި ޓޮމާޓޯ ކިލޯއެއް 70ރ އަށް ލިބެން ހުރި އިރު ބޯށި ކިލޯއެއް ލިބެން ހުރީ 20ރ އަށެވެ. އަލަ ކިލޯއެއް 80ރ އަށް ލިބެން ހުރިއިރު ފަލަމަޑީގެ އެހެނިހެން ބާވަތްތައް ލިބެންހުރީ ވަރަށް މަދުންނެވެ.
މަސް މާރުކޭޓަށް ބަލާއިރު ކަނޑުމަހުގެ އަގުތައް މިހާރު ވަނީ ދަށަށްދާން ފަށާފައެވެ. ކަންނެލި ކިލޯއެއް މިއަދު ލިބެން ހުރީ 45ރ އަށެވެ. ކަނޑުމަސް ކިލޯއެއް 40 އާއި 45 އާ ދެމެދުގެ އަގެއްގައި ލިބެން އެބަހުއްޓެވެ.
މަސް މާރުކޭޓުގައި ފަރުމަހުގެ ބާވަތްތަކަށް ބަލާއިރު ރަތްމަސް ކިލޯއެއް 150ރ އަށް ލިބެންހުރި އިރު ގިއުޅު ލިބެންހުރީ ކިލޯ އެއް 200ރ އަށެވެ. އަދި މުށިމަސް 20ރ އަށް ފަސް މަސް ލިބެން ހުރި އިރު މާރުކޭޓުގައި މިއަދު ރިއްމަހެއް ނެތެވެ.
ޚަބަރު
ޚަބަރު
ޚަބަރު