ތ. ތިމަރަފުއްޓަށް ލިބުނު ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ތަށި އެންމެ ހާއްސަވީ ކޯޗު އަލީ ފަހުމީ (އައްޔަ) އަށެވެ. ކުރީގެ ކެޕްޓަން، މިހާރުގެ ކޯޗު އައްޔަށް ތިންވަނަ ތަށްޓަކާއެކު ހެޓްރިކެއް ފުރިހަމަ ވެއްޖެއެވެ. ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖް ތިން ފަހަރަށް ކާމިޔާބުކޮށް، ތަށި ދިފާއުވެސްކޮށް ފުޓްސަލްގެ ރަސްކަމަށް އެރިއިރު، އެ ހުރިހާ ތަށްޓެއްގައިވެސް އައްޔަގެ އަތެއްވެއެވެ.
މިދިޔަ ހަފްތާ ތެރޭ ލިބިގެން ދިޔަ ތިންވަނަ ތަށްޓާއެކު އައްޔަގެ އުފާވެރި ޖަޒުބާތު ފެނި އައްޔަށް އެ ތަށި ހާއްސަވިކަން ޔަގީންވެސް ވިއެވެ.
"އަލްހަމްދު ލިﷲ. ވަރަށް އުފާވޭ މިކަހަލަ ޝަރަފެއް ރަށަށްޓަކައި ހޯދައިދެވުނީމަ. އެންމެ ހިތްހަމަ ޖެހެނީ ރަށު ރައްޔިތުން މިކަންތައް ބަލައިގަންނާތީ." ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ކ. ގާފަރު ބަލިކޮށް، އައްޔަ ބުންޏެވެ.
އައްޔަ ބުނިބަސް މިއަދު ސާފުވެސް ވެއްޖެއެވެ. ރަށު ރައްޔިތުން ކުޅުންތެރިންގެ ކާމިޔާބު ބަލައިގަތީ ރަތް ދޫލަ، އަދި މާފަތީގެ މަރުހަބާއަކުންނެވެ. މާހެފުން ދުވަހު ތިމަރަފުށި ޓީމު އެކީ ކާމިޔާބު ފާހަގަކުރަން ރަށަށް ދިޔަ ދިޔުމާއެކު ފެނުނީ ކުޅުންތެރިންނާއި ކޯޗުން، އަދި މެނޭޖުމަންޓަށް ރަށު ރައްޔިތުން ދިން ލޯތްބާއި އިހުތިރާމެވެ. މުޅި ރަށް އޮތީ އުފަލުން ފޮޅިފައެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗުވެސް ހޯދި އައްޔަގެ ނަޒަރުގައި ކާމިޔާބީތަކަށް "ސިއްރު އިންގްރެޑިއަންޓް" އެއް ނެތެވެ. އޮތީ ދަނޑު ބޭރާއި ދަނޑު ތެރޭގެ ގުޅުންތެރިކަމާއި، ހިތްވަރާއި ބުރަ މަސައްކަތެވެ.
"ކުޅުންތެރިން ކުރި މަސައްކަތާއި ޓީމު މިކަމަށް ލީ އެފޮޓަށް ބަލައި އަޅުގަނޑު ދެކެނީ ތިމަރަފުއްޓަށް ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ހައްގު ތަށްޓެއް ކަމަށް. ޓީމެއް މުބާރާތެއްގައި ބައިވެރިވެ ކާމިޔާބު ހޯދާނަމަ އެންމެ މުހިއްމު ކަމަކީ ހުރިހާ ކަމެއްވެސް ފުރިހަމަކުރަން މެނޭޖުމަންޓާއި ފަހަތުގައި ތިބޭ އެންމެން މަސައްކަތް ކުރުން. ދަނޑު ބޭރުންނާއި ދަނޑު ތެރެއިން ގުޅުން ފުރިހަމަ ވާން ޖެހޭނެ. ދަނޑު ތެރޭގެ ޑިސިޕްލިންނާއި މިހެންގޮސް ހުރިހާ ކަމެއް އެކުވެގެން ނުކުންނަ އެއްޗެއް ނަތީޖާއަކީ. ޓީމު އިތުރަށް މިކުރާ މަސައްކަތުން ތަށި ހޯދުނީ،" ފައިނަލް މެޗަށްފަހު އައްޔަ ބުންޏެވެ.
އައްޔަ ފާހަގަކުރި ގޮތުގައި ކުޅުންތެރިންގެ ގުޅުމަކީ ޒަމާންވީ، އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ ގުޅުންތަކެކެވެ. ދިރިއުޅުމުގައިވެސް ގުޅިގެން، އާއިލީ ގުޅުމެއްގެ ގޮތުގައި މުޅި ޓީމު އޮތް އޮތުން އެއީ ތިމަރަފުއްޓާ އެހެން ރަށްތަކުގެ ޓީމުތަކާ އޮތް ތަފާތުކަންވެސް އައްޔަ ފާހަގަކުރިއެވެ.
"ތިމަރަފުށީގެ ތަފާތަކީ ޓީމު ތެރޭގައި އޯވަރޯލްކޮށް މި އޮންނަ އެކުވެރި ގުޅުން. ހުރިހާ ކުދިންނާއި ރަށު އެންމެ ރައްޔިތުންގެ ސަޕޯޓު. ޓީމަކީ އެއްކޮށް އުޅެ، އެއްކޮށް ބޮޑުވެ، މާލޭގައިވެސް އެކުގައި އުޅުނު ކުދިންތަކެއް. އެއްކޮށް ކުޅެން ދާނެ އަބަދުވެސް. މިހާރު މަޑުމަޑުން ވަކިވަކިން އުޅެން ފެށި ނަމަވެސް އެއްކޮށް އުޅޭތީ ޓީމު ވޯކް ވަރަށް ބޮޑަށް އޮވޭ،" އައްޔަ ބުންޏެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަކީ ފަސޭހަ ފައިނަލަކަށް ތިމަރަފުއްޓަކަށްވެސް ނުވިއެވެ. ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެއީ އައްޔަގެ ޖުމުލަ ޕްލޭން ނޫން ނަމަވެސް އެވަގުތުކޮޅުގެ ހާސްކަމުން ރެކިގަނެވި، ތަށި ހޯދުމަކީ ބޭނުންވި ކަންތައް ފުރިހަމަވުމެވެ.
"މެޗުގެ ކުރިން ބްރީފިންގައިވެސް ބުނިން ޕެނަލްޓީއަށް ދާން ބޭނުން ނުވާ ކަމަށް. އެކަމަކު އެހެން ބުނީ ތައްޔާރު ނުވާކަށް ނޫން. ޕެނަލްޓީއަށްވެސް އޮތީ ތައްޔާރުވެފައި. ޕެނަލްޓީއަށް ދާން ބޭނުން ނުވާކަމަށް ބުނީ ޓީމު ތައްޔާރުކޮށް، ކިކްގައި ބައިތިއްބަން. ކުޅެމުން ދިޔަ ކުޅުމުން އުންމީދު ކުރީ ޕެނަލްޓީއަށް ނުދާނެ ކަމަށް. އެކަމަކު އެހިސާބަށް ދިޔަޔަސް ތަށި ލިބުން މުހިއްމީ،" އައްޔަ ބުންޏެވެ.
ޓީމުގެ ތަނބެވެ. ޓީމުގެ މާސްޓާ މައިންޑެވެ. ދަނޑު ބޭރާއި ދަނޑު ތެރެ ގުޅުވައިލަދޭނީވެސް ހަމަ ކޯޗު އައްޔެވެ. ދަނޑުމަތީގެ ޑިސިޕްލިނާއި ރޭވުންތެރިކަން ގެންނަނީވެސް އައްޔެވެ. ތިމަރަފުށި ހޯދި ތަށި އެންމެ ބޮޑަށް ހައްގުވަނީވެސް ހަމަ ކޯޗު އައްޔަށެވެ. ތިން ތަށީގެ ހެޓްރިކަކާއެކު އައްޔަގެ ފެންވަރު އޭނާ ސާބިތު ކޮށްދީފިއެވެ، މުޅި ރަށް ހެއްވާލަދީ، އުފަލުން ފޮޅުވާލައިފިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު