ޚަބަރު

ފެލިވަރު ބިން ހިއްކުމާއި ބަނދަރު ފުންކުރުމުގެ 95 ޕަސަންޓު މަސައްކަތް ނިންމާލައިފި

މުހައްމަދު އިޝާން

ޅ. ފެލިވަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމުގެ 95 ޕަސަންޓު މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށާއި ފެލިވަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމުގެ 95 ޕަސަންޓް މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

ފެލިވަރު ބަނދަރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

އެ މަޝްރޫއުގެ ދަށުން ހަ ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެ ދެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 113.3 މިލިއަން ރުފިޔާއަށެވެ. ފެލިވަރުގެ ބިން ހިއްކައި ބޮޑެތި ބޯޓު ކައިރި ކުރެވޭ ގޮތަށް އެއްގަމު ތޮށި ޑިޒައިންކޮށް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

އެ މަޝްރޫއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ބޭނުމަކީ ބަނދަރަކާއެކު ކޯލްޑް ސްޓޯރޭޖްގެ ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުން ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.