އަވަށްޓެރި ސްރީލަންކާގައި ސޯޝިއަލް މީޑިއާ ބޭނުން ނުކުރެވޭގޮތަށް އެގައުމުގެ ސަރުކާރުން ހިދުމަތްތައް މެދުކަނޑާލައިފިއެވެ.
އިންޓަނެޓު މޮނިޓާކުރަމުން އަންނަ ޖަމިއްޔާ ނެޓްބްލޮކްސްއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ލަންކާގައި ފޭސްބުކް، ޓުވިޓާ، ވަޓްސްއެޕް، ޔޫޓިއުބް އަދި އިންސްޓަގުރާމްގެ ހިދުމަތްތަކަަށް ނުވަދެވޭގޮތަށް މެދުކަނޑާލާފައިވާކަމަށެވެ.
ކޮލޮމްބޯގެ ސީނިއާ ސުޕްރިންޓެންޑް އޮފް ޕޮލިސް ނިހާލް ޓަލްޑުވަ ރޮއިޓާސް އާ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ އެގައުމުގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަނުން ސޯޝިއަލް މީޑިއާއަށް ނުވަދެވޭ ގޮތަށް ހިދުމަތްތައް މެދުކަނޑާލާފައިވާކަމަށެވެ.
ސޯޝިއަލް މީޑިއާގެ ހިދުމަތްތައް ކަނޑާލާފައިވަނީ މިވަނީ ލަންކާގެ އިގުތިސާދީ ހާލަތާއި ގުޅިގެން ހިތްހަމަ ނުޖެހި ގިނަ އަދަދެއްގެ ރައްޔިތުން ހިންގަމުންގެންދާ ހަމަނުޖެހުންތައް އިތުރުވެ ކާފިއުއެއްވެސް އިއުލާނުކޮށްފައިވަނިކޮށެވެ. ހޮނިހިރު ދުވަހުގެ ހަވީރުން ފެށިގެން އިއުލާނުކުރި ކާފިއު ހޯމަދުވަހުގެ ހެނދުނު ލަންކާ ގަޑިން 6.00 އާއި ހަމައަށް ވަނީ ކަނޑައަޅާފައެވެ. ކާފިއުއާ ހިލާފުވި 664 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.
ލަންކާގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަނުގެ ޗެއާމަން ޖަޔަންތަ ޑި ސިލްވާ ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސޯޝިއަލް މީޑިއާގެ ހިދުމަތްތައް ވަގުތީގޮތުން ކަނޑާލާފައިވަނީ ޑިފެންސް މިނިސްޓްރީގެ އަމުރަކަށް ތަބާވުމުގެ ގޮތުން ކަމަށާއި ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް އެއީ މުހިއްމު ފިޔަވަޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ލަންކާގައި ހަމަނުޖެހުންތައް ބޮޑުވަމުން އައިސްފައިވާއިރު ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ އެގައުމުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުއްލި ހާލަތުވެސް އިއުލާނުކުރައްވާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ