ފޮތެއް ކިޔަން ފަށާއިރު އެންމެފުރަތަމަ އޮންނާނީ ފޮތުގެ ފެށުން ނުވަތަ ތަޢާރަފެވެ. މިއީ ފޮތުގެ މުސައްނިފް ކިޔުންތެރިޔާއަށް ދޭ ފޮތުގެ ތަޢާރަފެކެވެ. އެހެންކަމުން ފޮތުގެ ފެށުން މިބައިން ކިޔާ މީހާއަށް ފޮތުގެ ޚުލާސާއެއް ލިބެއެވެ. ކީރިތި ޤުރްއާން މިފޮތުގެ ފެށުމަކީ ނުވަތަ މުޤައްދިމާއަކީ ސޫރަތުލް ފާތިޙާއެވެ. ފާތިޙާ ސޫރަތުން ކީރިތި ޤުރްއާނުގެ ވަރަށް ސާފު ޚުލާސާއެއް ލިބެއެވެ. އެއީ ﷲ ވޮޑިގެންވާކަމާއި ﷲ ގެ އެއްކައުވަންތަކަމެވެ. އަދި ކިޔުންތެރިޔާ ނުވަތަ އިންސާނާއަކީ ކޮބައިކަންވެސް ޚުލާސާކޮށް އެނގެއެވެ.

މިސޫރަތް ތިން ބަޔަކަށް ބަހާލެވެއެވެ. ފުރަތަމަ ބައިގައިވަނީ ﷲ ބަޔާންކޮށްދެއްވާފައެވެ. ދެވަނަ ބައިގައިވަނީ ﷲ އާއި އަހަރެމެން ބަޔާންކޮށްދެއްވާފައެވެ. ﷲ އަކީ ރައްބުއެވެ. އަހަރެމެންނަކީ އެއިލާހުގެ އަޅުންނެވެ. މިދެފަރާތުގައި ވާގުޅުމަކީ ﷲ އަށް އަޅުވެތިވުމުގެ ގުޅުމެވެ. ތިންވަނަބައި ޚާއްސަކުރައްވާފައިވަނީ އަހަރެމެންނަށެވެ.

ސޫރަތުގެ ފުރަތަމަ އާޔަތަކީ ބިސްމިއެވެ. އެއަށްފަހު ދެވަނަ އާޔަތް ފެށެނީ 'ޙަމްދު' މިބަހުންނެވެ. މިއާޔަތުގައި އަންގަވަނީ ޙަމްދުހުރީ ﷲ އަށް އެކަނި ކަމަށެވެ. ޙަމްދުގެ މާނަޔަކީ ޙައްޤު ޝުކުރާއި ތަޢުރީފެވެ. މިބަހުން އެނގިކަށަވަރުވާ ކަމަކީ ﷲ އަކީ ހުސްޠާހިރުވަންތަ ހުރިހާކަމަކުން ފުދިވޮޑިގެންވާ އިލާހުކަމެވެ. ﷲ އެއްވެސް ކަމަކަށް ބޭނުންވެވޮޑިގެންނުވާކަމެވެ. އެކަމަކު އަހަރެމެން ﷲގެ އަޅުންނަށް ވީހިނދު އަހަރެމެންނަށް ހުރިހާ ކަމެއްވެސް ބޭނުންވާކަމެވެ. އިންސާނުން ދުވަހަކު ޙަމްދުނުކުރިނަމަވެސް ﷲ އަށް އެއްވެސް ކަމެއް އުނި ނުވާނެކަން މިބަހުން އެނގެއެވެ. އަދި ކިތަންމެ ވަރަކަށް އަހަރެމެން ޙަމްދުކުރިކަމުގައިވިޔަސް އެއިލާހަށް އެއްވެސް އެއްޗެއް އިތުރެއްނުވާނެއެވެ. އެކަމަކު ޙަމްދުކުރުމުން އެކަމުގެ ޘަވާބާއި ދަރުމަހުރީ ޙަމްދުކުރި މީހާއަށް ކަމެވެ.

މިއާޔަތުގައި ﷲ އަކީ ކޮބައިކަން އެންގެވުމަށްޓަކައި ދެން ވަޙީކުރައްވަނީ ރައްބުއެވެ. ރައްބު މިބަހުގައި ވަރަށްގިނަ މާނަވެއެވެ. އޭގެތެރޭގައި މިލްކުވެރި ފަރާތް، ބަލަހައްޓާ ފަރާތް (މުރައްބީ) އިނާމުދޭ ފަރާތް (މުންޢިމް) ވަކިނުވެ ހިފަހައްޓާ ފަރާތް (ޤައްޔިމް) ހިމެނެއެވެ. މީގެއިތުރަށް އުފައްދައި ކާންދީ ރައްކާތެރިކުރާ ފަރާތަކަށްވެސް ރައްބުވެއެވެ. އެހެންކަމުން މިބަހުން އެނގޭ ކަމަކީ އަހަރެމެން ޚަލްޤުކުރައްވައި އަހަރެމެންގެ ހުރިހާ ކަމެއް ބަލަހައްޓަވަނީ ﷲ ކަމެވެ. އަހަރެމެން ރޫޅި ވިއްސިވިހާލިނުވަނީ އަހަރެމެންގެ ރައްބުގެ ސަބަބުންނެވެ. ޢާލަމީން މިބަހުން އަންގައިދެނީ އަހަރެމެންގެ ރައްބު ﷲ އަކީ އެންމެހައި މީސްތަކުންގެ ވެރި އިލާހުކަމެވެ. އެހެންވެ އަހަރެމެންނަށް އޮތީ އެންމެ ފުރިހަމަގޮތުގައި އެއިލާހަށް އީމާންވެ އަޅުކަންކުރުމެވެ.

ތިންވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ އަޅަމެންގެ ރައްބުގެ އެންމެ ޚާއްޞަ ދެސިފަފުޅެވެ. އެއީ ރަޙުމާން އަދި ރަޙީމްއެވެ. ﷲ އަކީ ކޮބައިކަން ބަޔާންކުރެއްވުމަށްފަހު ދެން ބަޔާންކުރައްވަނީ އެއިލާހުގެ ސިފަފުޅެވެ. ރަޙުމާން މިބަހުގެ ސީދާ މާނަ ދޭހަވާ އެހެން ބަހެއް އިތުރު އެއްވެސް ބަހެއްގައި ނުވެއެވެ. ރަޙުމާންގެ މާނަޔަކީ ހައްދެއް މިނެއްނެތި ލޯބިވުމެވެ. މިބަހުގައި ތިން ސިފައެއްވެއެވެ. އެއީ:-

o އިންތިހާއަށް (ހައްދެއް މިނެއްނުވާހާ މަތީ މިންވަރަށް)

o މިހާރުގެ ނުވަތަ މިހާރު ހިނގަހިނގާހުރި ކަމަކަށްވުން

o ދާއިމީ ކަމަކަށްނުވުން (މިދުނިޔޭގައި ކޮންމެ ވަގުތަކުވެސް ނިމުމަކަށް އަތުވެދާނެކަން)

ދުނިޔޭގެ އާބާދީގެ އަށްޑިހަ ޕަސެންޓް ކާފިރުކަމުގައި ތިބިއިރުވެސް އެމީހުންނަކަށް ކޯފާއެއް ނުލައްވައެވެ. ސަބަބަކީ ﷲ އަކީ އައްރަޙުމާންއެވެ. ތިމާގެ ދިހަ އަހަރުވީ ތުއްތު ދަރިފުޅު ކުއްލިއަކަށް ނިޔާވެއްޖެއެވެ. އައްރަޙުމާނަކީ ދާއިމީ ލޯތްބެއްނޫނެވެ. އެހެންވެ މިދުނިޔޭގައިވާ ކޮންމެ ކަމަކަށްވެސް ކޮންމެވެސް އިރަކު ނިމުން އަންނާނެއެވެ.

ﷲ ގެ ދެވަނަ ސިފަފުޅު ރަޙީމްއަކީ އަބަދަށް ދާއިމަށް ހައްދެއް މިނެއްނުވާ މިންވަރަށް ލޯބިވުމެވެ. މިބަހުގައި ދެސިފައެއްވެއެވެ. އެއީ :-

o ދާއިމީ ކަމަކަށްވުން

o މިހާރުގެ ކަމަކަށްނުވުން (މިދުނިޔޭގެ ކަމަކަށް ނުވުން)

ރަޙީމް މިސިފަފުޅުގެ ހަގީގީ މާނަ ފެންނަނީ އިންސާނާ މަރުވުމަށްފަހުއެވެ. ﷲ އަށް އީމާންވި ކޮންމެ މީހަކު އެއިލާހު ނަރަކައިން ދިންނަވާނެއެވެ. އެހެނީ ﷲ އަކީ އައްރަޙީމްއެވެ. ﷲ އެންގެވިގޮތަށް އުޅޭ އެންމެނަށްއޮތީ ސުވަރުގެއެވެ. ސަބަބަކީ ﷲ އައްރަޙީމްއެވެ. ޞާލިޙު ހެޔޮ ޢަމަލުގައި ދެމިތިބި އެންމެނަށް ޖައްނަތުލްފިރުދައުޘް ދެއްވައެވެ. އެއީ ﷲ އައްރަޙީމްއަށް ވާތީއެވެ.

ހަތަރުވަނަ އާޔަތުގައި ވަޙީކުރައްވަނީ ﷲއީ ގިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެކަމުގައެވެ. ތިމާއަށް މީހަކު މާބޮޑަށް ލޯބިދީ ހެޔޮކޮށް ހިތުމުން އެކަމުން ނާޖާއިޒު ފައިދާ ނެގުމަކީ ޠަބީއީ ކަމެކެވެ. މިއާޔަތުން ﷲ މިއަންގަވަނީ ﷲ ރަޙުމާންވަންތަކަމާއި ރަޙީމްވަންތަކަމުގެ ނާޖާއިޒުފައިދާ އެއްވެސް މީހަކަށް ނުނެގޭނެކަމެވެ. މަޙުޝަރުކުރެއްވުމުން އެއިލާހުގެ އިޒުނަފުޅާ ލައިގެން މެނުވީ ޗުއްޕު ބުނުމުގެ ބާރާއި އިޚުތިޔާރު އެއްވެސް މީހަކަށް ލިބިގެން ނުވާކަމެވެ. އެއަށްފަހު ހިސާބު ބެއްލެވުމަށްފަހު އިންސާފުކުރައްވާނެ ވާހަކައެވެ. މާލިކުގެ މާނަޔަކީ ރަސްގެފާނުއެވެ. ޔައުމުގެ މާނަޔަކީ ދުވަހެވެ. ދީންގެ މާނަޔަކީ ހިސާބު ބެއްލެވުމެވެ. ދީން މިބަސް އައިސްފައިވަނީ ދައިން މިބަހުންނެވެ. ދައިންގެ މާނަޔަކީ ދަރަނިއެވެ. ފާތިޙާ ސޫރަތުގެ ފުރަތަމަ ބައިން ﷲ އަކީ ކޮބައިކަން ވަރަށް ޞަރީޙަކޮށް އެނގެއެވެ.

ފާތިޙާ ސޫރަތުގެ ފުރަތަމަ ބައިގައިވަނީ މަޢުލޫމާތެވެ.

ސޫރަތުލް ފާތިޙާގެ ފުރަތަމަ ބައިން އަހަރެމެންނަށް އެނގުނީ ﷲ އަކީ އަހަރެމެންގެ ރައްބުކަމެވެ. އަދި އަހަރެމެންނަކީ ރައްބުގެ އަޅުންކަމެވެ. ﷲ ގެ މިތަޢާރަފް ތެދުކޮށް ގަބޫލުކުރާހަމައިން އަހަރެމެންނަށް އެއްކައުވަންތަ އިލާހުގެ އަޅުންކަމުގައި އިގުރާރުވެވުނީއެވެ. މިހާހިސާބުން ﷲގެ އަޅުތަކުން ކުރަންޖެހޭ ކަންތައްތަކެއްވެއެވެ. އެހެންކަމުން ސޫރަތުގެ ފުރަތަމައިގެ ނިމުން އަންނަނީ ސޫރަތުގެ ދެވަނަ ބައިގައެވެ.

ފާތިޙާ ސޫރަތުގެ ދެވަނަ ބައި ޚާއްޞަވަނީ ﷲ އާއި އަހަރެމެން (ﷲގެ އަޅުން) ނަށެވެ. މިބައިގައިވަނީ ދެ އާޔަތެވެ. ސޫރަތުގެ ދެވަނަ ބައިންގެ އަންގައިދެނީ ރައްބުއާއި އަޅާގެ ގުޅުމެވެ. މިބައިގައި ﷲ އާމެދު އަހަރެމެން ބަހައްޓަންޖެހޭ ގުޅުން ނުވަތަ ކުރަންޖެހޭ ކަން ﷲ ސާފުކޮށްދެއްވައެވެ. މިއީ ފުރަތަމަ ބައިން ލިބުނު ޢިލްމުގެ އަލީގައި ކުރަންޖެހޭ ކަންތަކެވެ.

ފާތިޙާ ސޫރަތުގެ ދެވަނަ ބައި ފެށެނީ އެސޫރަތުގެ ފަސްވަނަ އާޔަތުންނެވެ. މިއާޔަތުގައި ﷲ ވަޙީކުރައްވަނީ އިބަ ﷲ އަށް އެކަނި އަހަރެމެން އަޅުވެތިވަމެވެ. (އަޅުކަންކުރަމެވެ.) އަދި އިބަ ﷲ ގެކިބައިން އެކަނި އަހަރެމެން ވާގިވެރިކަމަށް އެދެމެވެ. ޢަބްދު މިބަހުގެ މާނަޔަކީ އަޅާއެވެ. ﷲ ގެ އަޅަކަށްވުމުން އެމީހަކު ދެމިހުންނަންޖެހެނީ އަޅެއްގެ މަގާމުގައެވެ. އަދި އަޅާ ބަރޯސާވެ އެހީތެރިކަމާއި މަދަދަށް އެދެންޖެހޭނީ އޭނާގެ ރައްބުގެ ޙަޟުރަތުންނެވެ. އޭނާ ދިރިހުރި ނުވަތަ ހޭހުރި ހުރިހާ ވަގުތަކު ހުންނަންޖެހެނީ އަޅުވެތިކަމުގައެވެ. އެއީ ކިޔަމަންތެރިކަމާއި އިޚުލާސްތެރިކަމާއެކު ﷲ އަމުރުކުރެއްވި ހުރިހާކަމެއްކުރުމަށްފަހު ނަހީކުރެއްވި ހުރިހާ ކަމަކުން ދުރުހެލިވުމެވެ. ތިމާއަށް އެންމެ ރަނގަޅުގޮތް އެނގޭނީ ތިމާއަށްނޫންކަމާއި އެކަމަކު ތިމާގެ ރައްބުއަށްކަން ގަބޫލުކުރުމެވެ.

އަޅުވެތިކަމުގައި ނުވަތަ އަޅެއްގެގޮތުގައި އުޅުމަށް އެއްވެސް މީހެއްގެ އެހީއާއި މަދަދު ބޭނުންނުވާކަމަށް މިއާޔަތުގެ ފަހުބައިން އެނގެއެވެ. އެކަމަކު އަޅުވެތިވުމާއެކު އެމީހަކަށް ހަމައެކަނި ބޭނުންވަނީ ﷲ ގެ މަދަދާއި އެހީތެރިކަންކަންވެސް މިއާޔަތުން އެނގެއެވެ. ﷲ މިއަންގަވަނީ އެއިލާހުގެ އަޅެއްގެގޮތުގައި އުޅުމަށް އެހެން މީހަކަށް ބަރޯސާނުވުމަށެވެ. ކޮންމެ އަޅަކު ވާގިވެރިކަމާއި މަދަދަށް އެދި ދަންނަވަންޖެހެނީ ﷲ އަށް އެކަނިކަމެވެ.

މިއާޔަތުގައިވާ ނަސްތަޢީން (އަހަރެމެން އެހީތެރިކަމަށް އެދެނީ) އައިސްފައިވަނީ އިސްތިޢާނާ މިބަހުންނެވެ. އިސްތިޢާނާގެ މާނަޔަކީ ކަމެއްގައި ތިމާކުރަންޖެހޭ ހުރިހާ ކަމެއްކުރުމަށްފަހު ދެން އެދޭ އެހީއާއި މަދަދެވެ. މާނަޔަކީ ﷲ އަށް އަޅުވެތިވުމުގައި ތިމާ ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ފުރިހަމައަށް އަދާކުރުމަށްފަހު ދެން ﷲ މެނުވީ އެހެން އިލާހެއްގެ އެހީތެރިކަމާއި މަދަދަށް ނޭދުމެވެ. ގިނަ މީހުންގެ އާދަޔަކީ ތިމާކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ހުރެ ތިމާ ﷲ އަށް ވަކީލުކޮށްފީމޭބުނެ އަތް އުރާލައިގެން ތިބުމެވެ.

ނަސްތަޢީން މިބަހުން އެނގެނީ ތިމާގެ އިޚުތިޔާރާއި ބާރުގައިވާ ހުރިހާ ކަމެއް ކުރުމަށްފަހު އެހީތެރިކަމާއި މަދަދަށް އެދި ﷲ އަށް ދެންނެވުމެވެ. މިއާޔަތް ކިޔައިގެން އަހަރެމެން މިކުރާ ކަމަކީ ކޮންމެ ދުވަހަކު ތަކުރާރުކޮށް މިކަމަށް އިޤުރާރުވުމެވެ. ތިމާ ކުރަންވާ މަސައްކަތްކުރުމަށްފަހު ﷲ ގެ މަދަދަށް އެދުމެވެ. މިއާޔަތުން ލިބޭ އެއް މެސެޖަކީ އަހަރެމެން ކުރަންޖެހޭ މަސައްކަތް އަހަރެމެންގެ އިޚުތިޔާރުގައިވިޔަސް އަހަރެމެންނަށް އާޚިރުގައި ލިބޭނެ ނަތީޖާ ﷲ ގެ ޙަޟުރަތުގައިވުމެވެ. ރަނގަޅު ނަތީޖާ ބޭނުންނަމަ ތިމާ ރަނގަޅަށް މަސައްކަތްކުރަންޖެހޭ ކަމެވެ.

ހަވަނަ އާޔަތުގައި ވަޙީކުރައްވަނީ އަހަރެމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާނދޭވެ. ތެދުމަގަކީ އިންސާނާއަށް ބޭނުންވާ އެންމެބޮޑު އެހީއެވެ. މިއީ އޭނާއަށް ލިބިދޭންޖެހޭ އެންމެބޮޑު މަދަދާއި ވާގިވެރިކަމެވެ. އެހެނީ އަޅުވެތިކަމުގެ ނިޢުމަތް ތިމާއަށް ލިބެނީ ހިދާޔަތް ލިބުމުންނެވެ. ހިދާޔަތް ފެށެނީ ތިމާ ﷲ ގެ އަޅަކަށްވާ ހިސާބުންނެވެ. އަޅަކަށްވާ ހިސާބުން އެކަނި ތެދުމަގު ކަށަވަރުވީކީނޫނެވެ. އަބަދުވެސް އިންސާނާ އޮންނަނީ މަގުން ކައްސާލާފައެވެ. އެހެންވެ ތެދުމަގު ކަށަވަރުކުރުމަށްޓަކައި ޤަވާޢިދުން ތެދުމަގަށް އެދެންޖެހެއެވެ. މިސަބަބަށްޓަކައި މިއާޔަތުން ﷲ އަހަރެމެންނަށް ދެއްވަނީ ތެދުމަގަށް އެދުމުގެ ނިޢުމަތެވެ.

ޞިރާޠުގެ އެއް މާނަޔަކީ ސީދާ މަގެވެ. އެހެންކަމަށްވާއިރު މުސްތަޤީމް މިބަސް މިއާޔަތުގައި ވަޙީކުރެއްވުމުގެ ޙިކުމަތަށް ބަލާލަންޖެހެއެވެ. މުސްތަޤީމް މިބަސް އައިސްފައިވަނީ އިސްތިޤާމާ މިބަހުންނެވެ. މާނަޔަކީ ތެދަށް ކޮޅަށް ހުރުމެވެ. އެހެންކަމުން މިބަހުން ލިބިގަނެވޭ އެއް މާނަޔަކީ ތެދުމަގަކީ މައްޗަށްދާ މަގެއްކަމެވެ. މިސާލަކަށް މީހަކު ޞާލިޙު ހެޔޮ ޢަމަލުގައި ދެމިހުރުމުން އޭނާއަށް ދަތުރުކުރެވެނީ މައްޗަށެވެ. ހަގީގަތުގައި އޭނާ މިދުނިޔެ ދޫކޮށް ދަތުރުއެކުރަނީ ﷲ ގެ ޙަޟުރަތަށެވެ. މައްޗަށް ގޮސްގޮސް ހުއްޓާ ހެޔޮ އަމަލުތައް ހުއްޓުމާއެކު އެމީހަކު އެހިސާބުގައި ތާށިވީއެވެ. އަދި އޭނާ ފާފަކުރަން ފެށުމުން އެހިސާބުން އޭނާ ހަލާކަށް ވެއްޓުނީއެވެ. އެހެންވެ އަހަރެމެން މަސައްކަތްކުރަންޖެހެނީ ސީދާވެގެންވާ ތެދުމަގުގައި ދެމިތިބެ އެމަގު ނިމޭ ހިސާބަށް ދިއުމަށެވެ.

ސާހިބަކު އޭނާގެ އަޅާއާއި ނުވަތަ ވެރިއަކު އޭނާގެ ނޯކަރާއި ބާއްވާ ގުޅުމަށް ބަލަމާ ހިނގާށެވެ. އަޅު، ސާހިބު މީހާގެ ކިބައިން އެހީއަށް އެދޭ ނަމަ ސާހިބުމީހާ އެކަން ބަލައެއްނުގަންނާނެއެވެ. ހަމައެގޮތަށް ވެރިޔާގެ ކިބައިން ނޯކަރު އެހީއަށް އެދޭނަމަ ވެރިޔާވެސް އެކަން ބަލައެއްނުގަންނާނެއެވެ. އަދި އަޅު ނުވަތަ ނޯކަރު މީހާއާމެދު ފިޔަވަޅުއަޅައި އޭނާއަށް އަދަބުދޭނެއެވެ. އެކަމަކު އިންސާނާގެ ރައްބު ﷲގެ ލޯބިވެވޮޑިގަތުން އެއިލާހުގެ އަޅާގެ މައްޗަށްހުރީ މާމައްޗަށެވެ. ނަތީޖާއަކީ ﷲ ގެ ޙަޟުރަތުގައި ގިނައިން އެހީއާއި މަދަދަށް އެދިދެންނެވުމަށް އެއިލާހު ލޯބިވެވޮޑިގަތުމެވެ.

އަޅަކު އޭނާގެ ސާހިބު މީހާ ގާތު މަގުދައްކައި އިރުޝާދު ދޭން އެދިއްޖެނަމަ އެކަމަށް ސާހިބު މީހާ މާބޮޑު ފަރުވާލެއް ނުބަހައްޓާނެއެވެ. އަދި ތަކުރާރުކޮށް ކަންކުރަންވީގޮތް އޮޅުންފިލުވުމަށް އެދޭނަމަ އަޅަށް އަދަބުދެވޭނެއެވެ. މިއީ ދުނިޔޭގައި ސާހިބުންނާއި ވެރިން ކަންކުރާގޮތެވެ. އެކަމަކު ﷲ އެއިލާހުގެ އަޅުން މަގުދެއްކެވުމަށް އެދި ދެންނެވުމުން އެކަމަށް އިޖާބަދެއްވައި އެކަންދެކެ ލޯބިވެވޮޑިގެންވެއެވެ. މިކަމުން އަންގައިދެނީ ﷲ ގެ ޙަޟުރަތުގައި އިންސާނާގެ މާތްކަމާއި މަތިވެރިކަމެވެ.

ފާތިޙާ ސޫރަތުގެ ދެވަނަ ބައިގައިވަނީ ޢަމަލެވެ. ފުރަތަމަ ބައިގައިވަނީ ﷲ ގެ ތަޢާރަފެވެ. ދެވަނަ ބައިގައިވަނީ ﷲ އާއި ﷲ ގެ އަޅުންކަމުގައިވާ އަހަރެމެންގެ ވާހަކައެވެ. ﷲ އާއި އަހަރެމެންގެ ގުޅުމެވެ. އެހެންކަމުން ސޫރަތް އެކުލެވިފައިވަނީ ފުރިހަމަ ވަޒަނެއްގައެވެ.

ތިންވަނަ ބައި ފެށެނީ ހަވަނަ އާޔަތުންނެވެ. މިއާޔަތުގައި ވަޙީކުރައްވަނީ އަހަރެމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާނދޭވެ. އަޅާގެ އެންމެބޮޑު އާދޭހަކަށްވާނީ އަދި އިލްތިމާސަކަށްވާނީ ތެދުމަގު ދެއްކެވުމެވެ.

ތިންވަނަ ބައިގެ އެންމެ ފަހު އާޔަތަކީ ފާތިހާ ސޫރަތުގެވެސް އެންމެފަހު އާޔަތެވެ. މިއާޔަތުގައި ﷲ ވަޙީކުރައްވަނީ 'އެއީ އެމީހުންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެމީހުންގެ މައްޗަށް ކޯފާ ހުށަހެޅޭ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.'

މިއާޔަތުގައި ﷲ ދެ ބަޔަކު ފާހަގަކުރައްވާފައިވެއެވެ. އެއީ ﷲ ރުއްސެވި މީހުންނާއި ﷲ ނުރުއްސެވި މީހުންނެވެ. ﷲ ރުހިވޮޑިނުގަތް މީހުން ދެބަޔަކަށް ބެއްސެވިއެވެ. އެއީ ﷲގެ ކޯފާ އެބަޔަކަށް އަމާޒުވާ މީހުންނާއި ގެއްލެނިކުރެއްވި މީހުންނެވެ.

އެންމެ ފުރަތަމަ ބަޔަކީ ﷲ ރުއްސެވި މަގުން ދަތުރުކުރި މީހުންނެވެ. އެއީ އަންޢަމްތަ މިބައިގެ މީހުންނެވެ. އަންޢަމް މިބަސް އައިސްފައިވަނީ ނުޢުމާ މިބަހުންނެވެ. ނުޢުމާގެ މާނަޔަކީ ފަސޭހަ ނުވަތަ އަރާމުއެވެ. މިބަހުގެ އެހެން މާނަ ތަކަށް ބަލާއިރު މަޑު، މަޑުމައިތިރި، އަދި ގެރިބަކަރި ހިމެނެއެވެ. މިއިން ލިބޭ މެސެޖަކީ ﷲ ރުއްސަވާ މަގަކީ ހިނގަން ފަސޭހަ ނުވަތަ އަރާމު މަގެއްކަމެވެ. އަދި މިމަގަކީ ފަސޭހަ ކަމުގެ ސަބަބުން ބޭނުން ކޮންމެ މީހަކަށްވެސް ދަތުރުކުރެވޭނެ މަގެއްކަމެވެ. އެހެންވެ ފަސޭހައިގަ މިމަގުން ދަތުރުކޮށް ކާމިޔާބު ހޯދުމަކީ އަހަރެމެންގެ މަސްއޫލިއްޔަތެވެ.

ﷲ ރުއްސެވި މަގުން ހިނގި އަދި ހިނގާ މީހުންނަށް ބަލައިލަމާތޯއެވެ. އޭގެތެރޭގައި އީމާންވެ ޞާލިޙު އަމަލުކުރި އެންމެން ހިމެނެއެވެ. އެއީ ﷲ މަނާކުރެއްވި ކަންކަމުން ދުރުހެލިވި މީހުންނެވެ. އެއީ ކުށްކުރެވުމުންވެސް ތައުބާވި މީހުންނެވެ. އެއީ އެމީހުންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ހިތްވަރާއެކުކުރި މީހުންނެވެ. އެއީ މަސައްކަތްކުރުމަށްފަހު ﷲ ގެ ޙަޟުރަތުން ވާގިއެދުނު މީހުންނެވެ. މިބައިގެ ތެރޭގައި ނަބިއްޔުންނާއި އެބެއިކަލުންނަށް ތަބާވި މީހުން ހިމެނެއެވެ. މިއީ ކާމިޔާބުގެ އަހުލުވެރިންނެވެ. އެހެންކަމުން އަހަރެމެންވެސް ކާމިޔާބު ހޯދުމަށްޓަކައި ކާމިޔާބު ހޯދި މީހުން ކަންތައްކުރިގޮތް ހޯދާބަލައި އެފަދަ މީހުން ކަންތައްކުރިހެން ކަންކުރަންޖެހެއެވެ.

މިއާޔަތުގައި ﷲ ދެން ބަޔާންކުރައްވަނީ އެއިލާހު ނުރުއްސެވި މީހުންގެ ވާހަކައެވެ. އޭގެތެރެއިން ފުރަތަމަ ބަޔަކީ މަޣުޟޫބި ނުވަތަ ކޯފާ އަމާޒުވި މީހުންނެވެ. މިއީ ލިބިފައިވާ ޢިލްމުގެ ސަބަބުން ހުރިހާ ކަމެއް އެނގިތިބެ އެކަމަކު އީމާންނުވި މީހުންނެވެ. ރަސޫލުﷲ ގެ ހަޔާތްޕުޅުގައި އެނގިތިބެ އީމާންނުވި މީހުންނަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ. މިއަދު އެނގިތިބެ އީމާންނުވާ މީހުން މާގިނައެވެ. އެމީހުންނަކީވެސް ކޯފާއަށް ހުށަހެޅިފައިވާ މީހުންނެވެ. މިއާޔަތުގައި އަހަރެމެން ﷲ އަށް އެދި ދަންނަވަނީ މިބައިގަނޑުގެތެރޭ އަހަރެމެން ނުލެއްވުމަށެވެ. އެނގިތިބެ ނުބައިހަދާ މީހުންގެތެރޭގައި ނުލެއްވުމަށެވެ.

މިއާޔަތުގައި ﷲ ނުރުއްސަވާ ދެވަނަ ބަޔަކީ ގެއްލެނިކުރެއްވި މީހުންނެވެ. ޟާއްލީން މިބަހުގެ މާނަޔަކީ ގެއްލިދިއުމެވެ. ޟާއްލީން މިބަސް އައިސްފައިވަނީ ޟައްލަ މިބަހުންނެވެ. މިއީ ތިމާމެމެންނަށް ނޭނގުނުކަމުގައިވިޔަސް އެނގިތިބި މީހުން ނުބައި ހެދުމުން އެމަގުން ދަތުރުކުރި މީހުންނެވެ. މިސާލަކަށް މީހަކު އޭނާ އަންނަންދެން ކާބޯތަކެތި ބަލަހައްޓަން އަހަރެންނާއި ހަވާލުކުރިއެވެ. އެމީހާ ދިއުމާއެކު އަހަރެން ކައިރިއަށް ބަޔަކުއައިސް ކާބޯތަކެތި ކާންއެދުނެވެ. އެހިނދު އަހަރެންގެ ޖަވާބަކީ ކެޔަސް އެންމެ ރަނގަޅެވެ. ކާބޯތަކެތި އަހަރެންނާއި ހަވާލުކުރި މީހާ އެނބުރި އައިއިރު ހުރިހާ އެއްޗެއް ބަޔަކު ކައި ހުސްކުރަނީއެވެ. މިތަނުގައި މަޣުޟޫބި ބައިގައި ހިމެނޭނީ އަހަރެންނެވެ. ވާނުވާ ނުބަލާ ނުވަތަ ވާނުވާ ނޭނގި ކޭ މީހުންވާނީ ޟާއްލީންގެ މީހުންނަށެވެ.

ސޫރަތުގެ ފުރަތަމަ ބައި ވަނީ ﷲ އަށެވެ. އެއީ 2، 3، އަދި 4 ވަނަ އާޔަތެވެ. މިތިން އާޔަތްވަނީ ނަމުގެ ޖުމުލައިންނެވެ. މިއިން އަންގައިދެނީ އަބަދަށް ދެމިގެންވުމެވެ. ދެވަނަ ބައިގައިވަނީ އެންމެ އާޔަތެކެވެ. މިއާޔަތް އަމާޒުކުރެވެނީ ﷲ އާއި އަހަރެމެންނަށެވެ. މިއާޔަތުގެ އެއްބައިގައިވަނީ ނަމެވެ. އަނެއް ބައިގައިވަނީ ކަމެވެ. އެންމެފަހު ބައި ވަނީ އަހަރެމެންނަށެވެ. އެއީ 6 ވަނަ އަދި 7 ވަނަ އާޔަތެވެ. މިދެ އާޔަތްވަނީ ކަމުގެ ޖުމުލައިންނެވެ. މިއިން އަންގައިދެނީ ނެތިފަނާވާނެކަމެވެ.

ސޫރަތުގެ ފުރަތަމަ ބައިގެ ނިމުން އަންނަނީ ދެވަނަ ބައިގެ ފެށުމުންނެވެ. އެއީ 'އިއްޔާކަ ނަޢުބުދު' އެވެ. އަހަރެމެން އަޅުކަންކުރަނީ (އަޅުވެތިވަނީ) ހަމައެކަނި އިބަ ﷲއަށެވެ. ސޫރަތުގެ ފަހު ބައިގެ ތަޢާރަފްވަނީ މިއާޔަތުގެ ދެވަނަ ބައިގައެވެ. އެއީ 'އިއްޔާކަ ނަސްތަޢީން' އެވެ. މިސޫރަތުގައިވަނީ މައިގަނޑު ދެ މައުޟޫއުއެވެ. އެއީ މައުލޫމާތާއި އަމަލެވެ. ސޫރަތުގެ ފުރަތަމަ ބައިގައިވަނީ މަޢުލޫމާތެވެ. ދެވަނަ ބައިގައިވަނީ ކަމެވެ. ސޫރަތުގެ ފަހު ބައިގައި ބަޔާންކުރައްވާ ރުއްސެވި މީހުންނަކީ މަޢުލޫމާތު ހޯދައި އެއަށް އަމަލުކުރި މީހުންނެވެ. ކޯފާއަށް އަމާޒުކުރެވުނު މީހުންނަކީ މަޢުލޫމާތު ހޯދައި އެކަމަކު އެއަށް އަމަލުނުކުރި މީހުންނެވެ. ގެއްލެނިވެގެންވާ މީހުންނަކީ މައުލޫމާތު ނުހޯދައި އަމަލުކުރި މީހުންނެވެ. މުޅި ސޫރަތުގެ ކުންނުއަކީ ﷲ އަކީ އަޅަމެންގެ ރައްބުކަމާއި އަޅަމެންނަކީ އެއިލާހުގެ އަޅުވެތިކަމުގައި ތިބެންޖެހޭ އަޅުންކަމެވެ.

މައުލޫމާތު: މުފައްޘިރު ނުޢުމާން ޢަލީ ޚާން، ބައްޔިނާ ޓީވީ