އިންޓަނޭޝަނަލް ބްރޭކަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ވޮޓްފޯޑު ބަލިކޮށް، ލިވަޕޫލުން އިނގިރޭސި ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވޮޓްފޯޑު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މިވަގުތު ލިވަޕޫލް އޮތީ ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ލިވަޕޫލަށް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލެވުން އެއީ އެޓީމަށް ބޮޑު ހިތްވަރަކަށް ވާނެއެވެ. ޖެނުއަރީ މަހުގެ ކުރީކޮޅުގައި ލިވަޕޫލް ލީގު ތާވަލުގެ ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީއާ 14 ޕޮއިންޓުގެ ފަރަގެއްގައި ނަމަވެސް ރަނގަޅު ފޯމެއް ދަމަހައްޓައި ލިވަޕޫލް އަނެއްކާވެސް ވަނީ ސިޓީއާ ހަމަކޮށްފައެވެ.
އެންމެފަހުން ލީގުގައި ކުޅުނު 10 މެޗުންވެސް ލިވަޕޫލް މޮޅުވެފައިވާ އިރު، އެޓީމު ލީގުގެ އެއްވަނައިގައި އޮތީ 30 މެޗުން 72 ޕޮއިންޓް ހަމަކޮށްގެންނެވެ. ސިޓީއަށް ނުވަ މެޗުން 70 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުން ލީގުގައި މިވަގުތު ދަނީ ބާންލީއާ ދެކޮޅަށް ކުޅެމުންނެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ، ސިޓީ އަނެއްކާވެސް ލީގުގެ އެއްވަނައަށް އަރާނެއެވެ.
މެޗުގެ ފުރަތަމަ ހަމަލާ ވޮޓްފޯޑުގެ ޖުރަޖް ކޫކާ ފަރާތުން ފެނުނު އިރު، އެ ހަމަލާ ހުށިޔާރު ކަމާއެކު މަތަކުރީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާއެވެ. މެޗުގެ ފެށުން އެންމެ ރަނގަޅުކޮށް ނުދިޔަ ނަމަވެސް ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާއެވެ. ޖޮޓާ މިރޭގެ މެޗަށް ނުކުތީ ޕޯޗުގަލްއިން ކުޅުނު ވޯލްޑް ކަޕް ފައިނަލް ކޮލިފިކޭޝަން ދެމެޗުގައިވެސް މުހިއްމު ކުޅުމެއް ދެއްކުމަށް ފަހުއެވެ. މިރޭ ޖޮޓާ ޖެހި ގޯލަކީ ލިވަޕޫލް ޖާޒީގައި އޭނާ ޖެހި 20 ވަނަ ގޯލެވެ.
މިރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުންވެސް އެދެވޭ ހަމަލާތަކެއް ނުފެނުނެވެ. އެޓީމުގެ އެންމެ ރަނގަޅު ޓެމްޕޯގައި މެޗުގެ ކުޅުން ފެނިގެން ނުދިޔަ ނަމަވެސް އެޓީމުން ވަނީ ދެވަނަ ހާފުގައި ލީޑު ފުޅާވެސް ކޮށްފައެވެ. ޖޮޓާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީގައި ދެވަނަ ގޯލު ޖެހީ ފަބީނިއޯއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު