އިންގްލެންޑް ލެޖެންޑް ޑޭވިޑް ބެކަމްއާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް، އަދި އުމުރުން 10 އަހަރުގެ ދަރިފުޅުވެސް ގޭގައި ތިބި ވަގުތެއްގައި އިނގިރޭސިވިލާތުގައި ހުންނަ އެ ގެއިން ވައްކަން ކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގެ ކެންސިންގްޓަންގައި ހުންނަ ބެކަމްގެ ގެއިން ވައްކަން ކުރި ކަމަށް ނޫސްތަކުން ބުނެފައި ވަނީ މިދިޔަ ފެބްރުއަރި 28 ވަނަ ދުވަހުގެ ރޭގަނޑުއެވެ. ވައްކަން ކުރި ކަމަށް ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ ރޭގަނޑުގެ އިރާކޮޅުގެ ވަގުތެއްގައެވެ.
ލަންޑަންގެ ފުލުހުން ވަނީ ބެކަމްގެ ގެއިން ވައްކަން ކުރިކަން ޔަގީން ކޮށްދީފައެވެ. ވަގުން ވަދެ ގެންދިޔައީ ކޮން އެއްޗެއްސެއްކަން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އަގުބޮޑެތި ބައެއް ތަކެތި ގެއްލުނުކަމުގެ ރިޕޯޓުތައް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.
ބެކަމްގެ ގެއިން ވައްކަން ކުރުމުގެ ތަހުގީގުގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
އިނގިރޭސި ގައުމީ ޓީމަށް 115 މެޗު ކުޅެދީފައިވާ ބެކަމްއަކީ ދުނިޔެ ދުށް އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ފަދަ ކްލަބުތަކާއެކު ބެކަމްގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިރު، އޭނާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ފުޓުބޯޅަ ކުޅުންތެރިޔާވެސް މެއެވެ. ބެކަމްއަކީ މިހާރު އެމެރިކާ ލީގުގެ އިންޓަ މިއާމީ ސީއެފްގެ ވެރިޔާވެސް މެއެވެ.
ބެކަމްގެ އަންހެނުންނަކީ މިހާރު ފެޝަން ލޭބަލްއެއްގެ ވެރިޔެކެވެ. އޭނާ ކުރިން ފާހަގަކޮށްލެވެނީ ސްޕައިސް ގާލްސްގެ އެއް ފަންނާނުގެ ގޮތުގައެވެ. އެއީ 1990 ގެ އަހަރުތަކުގައި އެންމެ ހިޓްވި އެއް ބޭންޑެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު