މިއަދުން ފެށިގެން ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގެ ފުނަގަސް މަގުގައި ދުއްވާ އެއްޗެހި ދުއްވުން މަނާވާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ރޭ ބުނީ، އެ މަގުގައި މިއަދުން ފެށިގެން ދުއްވާ އެއްޗެހި ދުއްވުން މަނާކުރީ އާންމުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށެވެ.

ފުނަގަސް މަގަކީ ފޭސް ދޭއްގެ މޫދާވީ ފަޅިއަށް އޮންނަ މަގަށްވުމުން ގިނަ ބަޔަކު ހަވީރު ގަޑީގައި އެ ސަރަހައްދަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގޮވައިގެން ގޮސް އުޅެއެވެ.

ފުނަގަސް މަގުގައި މިއަދުން ފެށިގެން ދުއްވާ އެއްޗެހި ދުއްވުން މަނާކުރިއިރު، އެ މަގު ދުއްވާ އެއްޗެއްސަށް އަލުން ހުޅުވައިލާނެ ދުވަހެއް އެޗްޑީސީން ނުބުނެއެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ތާރުއެޅި ބައެއް މަގުތައް ވެސް މިހާރު ހުޅުވާލައިފައިވާއިރު، އާންމުން ދަނީ އެ ސަރަހައްދުގައި އެއްވެސް ތަރުތީބެއް ނެތި ވެހިކަލްތައްވެސް ޕާކު ކުރަމުންނެވެ. މާލެއިން ފޭސް ދެޔަކަށް ދަތުރުކުރާ، އެއްކޮޅެއް ދުއްވޭ ބައެއް މަގުތަކުގެ އެކި ސަރަހައްދުތަކުގައި ޓެކްސީތައް ވެސް ގިނަ އަދަދަކަށް ޕާކުކޮށްފައި ހުންނާތީ، އާންމުން އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.