ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމަޔަށް ފަސް ހަފުތާ ފާއިތުވެގެންދިޔަ ފަހުން މި ހަނގުރާމަޔަށް ހުއްޓުމެއް އައުމުގެ ކޮޅުމަތި މިހާރު ފެންނާން ފަށައިފިއެވެ. އެއްބަސްވެވޭ ޒާތުގެ ހުށައެޅުންތަކެއް ދެފަރާތުންވެސް ހުށައަޅަން ފަށައިފިއެވެ. ރަޝިޔާއިން ކުރިން ކުރިމަތިކުރަމުން އައި ބައެއް ޝަރުތުތައް ދޫކޮށްލަން އެއްބަސްކަމުގެ އިޝާރާތްތަކެއް ވަނީ ދޭން ފަށައިފައެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ޔުކްރޭނުގެ ވެރިރަށް ކިއޭވް ހިފުމާއި ރައީސް ޒެލެންސްކީގެ ވެރިކަން ބަދަލުކޮށް އައު ސަރުކާރެެއް ގެނައުމަށް ރަޝިޔާއިން ކުރާ މަސައްކަތް ހުއްޓާލުމެވެ. ހަމައެޔާއެކު ޔުކްރޭނުންވެސް ނޭޓޯގައި ބައިވެރިވުމުގެ ޚިޔާލު ދޫކޮށްލުމާއި ބޭރު ގައުމެއްގެ ސިފައިން ޔުކްރޭނުގައި ނުތިބޭނެ ކަމުގެ ޔަގީންކަންދޭން ތައްޔާރުކަމުގެ ސިގްނަލް ވަނީ ދީފައެވެ.
ރަޝިޔާ އާއި ޔުކްރޭނުގެ މަންދޫބުން ތުރުކީގެ އިސްތަންބޯލްގައި މާޗް 29 ވަނަ ދުވަހު ބައްދަލު ކުރެއްވިއިރު ޔުކްރޭނުން އެއްބަސްވާން ރުހޭ ކަންކަމުގެ ތަފްސީލު ވަނީ މީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށް އާއްމުކޮށްފައެވެ. ނޭޓޯ ޖަމާއަތުގައި ބައިވެރިވުން ނުވަތަ އެފަދަ އެނޫންވެސް އަސްކަރީ އިއްތިހާދެއްގައި ބައިވެރިވުމުގެ އެދުން ދޫކޮށްލަން ޔުކްރޭނު ތައްޔާރެވެ. އަދި ބޭރު އެއްވެސް ގައުމެއްގެ ސިފައިންނަށް ޔުކްރޭނުން މަރުހަބާ ނުކިޔާނެ ކަމުގެ ޔަގީންކަން ދޭންވެސް ތައްޔާރެވެ. މިކަން މިމަގުން ހިނގާކަމާއި ހިނގާނޭ ކަމުގެ ޔަގީންކަމާއި ޔުކްރޭނުގެ ސަލާމަތް ކަށަވަރުކޮށްދޭނެ ގައުމުތަކުގެ ލިސްޓެއްވެސް ޔުކްރޭނުން ވަނީ ހުށައަޅާފައެވެ. މި ލިސްޓުގައި ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޗައިނާ، ޖަރުމަންވިލާތް، ކެނެޑާ، ޕޮލެންޑް، ތުރުކީ އަދި އިޒްރޭލެވެ.
ޔުކްރޭނުގެ ޑޮންބާސް ސަރަހައްދުގައި ރޫސީންގެ މަދަދާއެކު މިހާރު ވަނީ ދެ ދައުލަތެއް ގާއިމްކޮށްފައެވެ. އެއީ ޑޮނެސްކާއި ލުހާންސްކެވެ. ކްރައިމިއާއަކީ 2014 ވަނަ އަހަރުން ފެށިގެން ރަޝިޔާގެ ސިޔާދަތީ ހުކޫމަތު ހިނގާ ތަނެއް ކަމަށް ވަނީ ހަދައިފައެވެ. ޔުކްރޭނުން މިހާރު ބުނަނީ ޑޮންބާސް ސަރަހައްދުގެ ކުރިމަގާއިމެދު ގޮތް ނިންމާނީ ރައީސް ޒެލެންސްކީ އާއި ރައީސް ޕުޓިންގެ ބައްދަލުކުރެއްވުމެއްގައި ކުރެވޭ މަޝްވަރާތަކުން ކަމުގައެވެ. އަދި ޔުކްރޭނުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ރައީސް ޒެލެންސްކީއަށް އިޚުތިޔާރާއި ބާރު ލިބިދޭނީ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމުގައެވެ. ކްރައިމިއާގެ މައްސަލަ ހައްލުކުރާނީ ކުރިއަށް އޮތް ފަނަރަ އަހަރުގެ ތެރޭގައި ކުރެވޭ މަޝްވަރާތަކުން ކަމުގައެވެ.
ހަނގުރާމަ ހުއްޓައިލުމުގެ ގޮތުން ޑިޕްލޮމެޓިކް އައު ހުށައެޅުންތަކެެއް ޔުކްރޭނުގެ ފަރާތުން ހުށައަޅާފައިވަނީ މި ހަނގުރާމައިގައި ރަޝިޔާއިން އައު ވިސްނުމެއްގައި އައު ރޭވުންތެރިކަމާއެކު އައު ގޮތަކަށް އަމަލުކުރަން ފަށާފައިވާކަން ރަޝިޔާ ސިފައިން އިއުލާންކޮށްފައި ވަނިކޮށެވެ. އައު ރޭވުމަކީ ޔުކްރޭނަށް އެރި ބިޔަ ލަޝްކަރުގެ ބޮޑުބައެއް ޔުކްރޭނުން ބާލައި އަސްކަރީ އޮޕަރޭޝަންތައް ހަނިކޮށް ހަމައެކަނި ޔުކްރޭނުގެ ޑޮންބާސް ސަރަހައްދަށް ފޯކަސްކުރުމެވެ. ރަޝިޔާ ސިފައިންގެ ފަރާތުން ޖެނެރަލް ރުޑްސްކޯއި ހުސްވި ހަފުތާ ތެރޭގައި ވިދާޅުވެފައިވަނީ ހަނގުރާމައިގެ ފުރަތަމަ ފިޔަވަހި ނިމުމަކަށް އައީ ކަމަށާއި އެ ފިޔަވަހީގައި ހާސިލްކުރަން ބޭނުންވި އެންމެހައި ކަންކަން ހާސިލްކުރެވުނު ކަމުގައެވެ. ދެން ކުރިއަށް އޮތީ ދެވަނަ ފިޔަވަހި ކަމަށާއި އެއީ ޑޮންބާސް ސަރަހައްދު ރައްކާތެރިކުރުން ކަމުގައެވެ.
ހަނގުރާމަޔަށް ފަސް ހަފުތާ ފާއިތުވެގެން ދިޔައިރު އަސްކަރީ ގޮތުން ރަޝިޔާއަށް ލިބުނު މާކަބޮޑު ކާމިޔާބީއެއް ނުފެނެއެވެ. ޔުކްރޭނުގެ ބޮޑެތި ސަހަރުތަކުގެ ތެރެއިން ރޫސީންނަށް ހިފުނީ އެންމެ ސަހަރެކެވެ. މި މުއްދަތުގެ ތެރޭގައި ރޫސީ ސިފައިންގެ ތެރެއިން ދިހަހާހާއި ފަނަރަހާހާއި ދެމެދުގެ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އަދި އިތުރު އެތައް ހާސް ބަޔަކު ވަނީ ޔުކްރޭނު މީހުންގެ އަތްދަށުގައި ހައްޔަރުވެފައެވެ. އެތައްހާސް އުޅަނދެއް ވަނީ ހަލާކުވެފައެވެ. ނުވަތަ ގެއްލިފައެވެ. މަރުވި މީހުންގެ ތެރޭގައި އެންމެ ސީނިއަރ ބައެއް އޮފިސަރުންވެސް ހިމެނެއެވެ. ބައެއް ކޮމާންޑަރުން މަރުވެފައިވަނީ ގަސްތުގައި ރޫސީ ސިފައިން އަމިއްލައަށް ކުރި ކަންކަމުންނެވެ. ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު އަފްޣާނިސްތާނުގައި ރޫސީން ދިހަ އަހަރު ހޭދަކުރިއިރު މަރުވި މީހުންނާ އެއްވަރެވެ.
ރަޝިޔާ ސިފައިންނަށް ޔުކްރޭނުގައި ކުރިމަތިވަމުންދާ ނާކާމިޔާބީއާ ގުޅިގެން ރައީސް ޕުޓިން ވަނީ ސިފައިންގެ އެންމެ މަތިން ބައެއް މަގާމުތަކަށް ބަދަލުތަކެއްވެސް ގެންނަވައިފައެވެ. އަސްކަރިއްޔާގެ ސީނިއަރ ކޮމާންޑަރުންނާއި އަސްކަރީ މުޝީރުން ސައްހަ ނޫން މައުލޫމާތު އަރުވާކަމަށް ތުހުމަތު ކުރައްވައި އެބޭފުޅުންނާ އޮންނަ ގުޅުންތައްވެސް ރައީސް ޕުޓިން ކުޑަކުރައްވައިފިކަމުގެ އަލާމާތްތައް މިހާރު ދަނީ ފެންނަމުންނެވެ. އެހެންވީމާ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ފިޔަވަހި ނިމުނީކަމަށް ރަޝިޔާއިން އިއުލާންކުރީ ބޮޑު ލަދެއް ފޮރުވުމުގެ ނިޔަތުގައެވެ. ބަލިވީކަމަށް އިއުތިރާފު ނުވެ މިދަންތުރައިން ނެއްޓިގަތުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. މިކަންކަން މިހެން ހުރީމާ ޔުކްރޭނުގެ ހުށައެޅުންތައް ރަޝިޔާއިންވެސް ބަލައިގަތުން އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.