ޚަބަރު

އެއިރޯޑްރޯމް ކޮންޓްރޯލް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

މުހައްމަދު އިޝާން

ރާއްޖޭގައި މުޅިން އަލަށް ކުރިއަށް ގެންދިޔަ އެއިރޯޑްރޯމް ކޮންޓްރޯލްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ، އެއިރޯޑްރޯމް ކޮންޓްރޯލް ކޯހުގެ ބައިވެރިންނަށް ކިޔަވައިދިނީ އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލުންނާއި ރާއްޖޭއިން ބޭރުގެ ތަޖުރިބާކާރުން ކަމަށެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ގަވަމެންޓް މެނޭޖަރު އަހުމަދު ހަސްރީ މިރޭ "ވަން" އަށް ވިދާޅުވީ، އެއިރޯޑްރޯމް ކޮންޓްރޯލްގައި ބައިވެރިވެފައި ވަނީ އަށް ފަރާތަކުން ކަމަށެވެ. އަދި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ ކަމަށެވެ.

ހަސްރީ ވިދާޅުވީ އެ ކޯސް ކުރިއަށް ގެންދިޔައީ ޔުނައިޓެޑް ނޭޝަންގެ ޖަމިއްޔާއެއް ކަމަށްވާ އައިކޯއޯ ގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ކޯސް ހިންގި ޖަމިއްޔާއަކީ މުޅި ދުނިޔޭގެ ވެސް އެފަދަ ކޯސްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެވިއޭޝަން ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ހަމަތައް އެކުލަވާލާ ޖަމިއްޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އެއިރޯޑްރޯސް ކޮންޓްރޯލް ކޯސް ހަދަން އެއާ ޓްރެފިކް ކޮންޓްރޯލްގައި މަސައްކަތްކުރާ މީހުން ދާން ޖެހެނީ ރާއްޖެއިން ބޭރަށް ކަމަށާއި ރާއްޖެއިން ބޭރުން މީހުން ތަމްރީނު ކުރުމަކީ އަގުބޮޑު ކަމެއް ކަމަށެވެ. ނަމަވެސް މިހާރު ރާއްޖެއިން އެ ކޯސް ހެދުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ އެމްއޭސީއެލްއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހާރިސް އިތުރަށް ވިދާޅުވީ ރާއްޖޭއިން އެ ކޯސް ހެދުމުގެ ފުރުސަތު ފަހިވުމުގެ ސަބަބުން އެ ކޯހަށް ހަރަދުވާ 500،000 ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެމްއޭސީއެލްއިން ބޭނުންވާ ވަގުތަކު ކޯސް ހިންގުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.

މުޅިން އަލަށް އެމްއޭސީއެލްއިން ފެށި މި ކޯހަކީ އެއިރޯޑްރޯމް ސްޓމިއުލޭޓާ އޮޕަރޭޓްކުރާ ގޮތް ދަސްކޮށްދޭ ކޯހެކެވެ. އެ ކޯހުގައި ބައިވެރިވެވޭނީ އެއާ ޓްރެފިކް ކޮންޓޮރޯލަރުންނަށެވެ. ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި އެއިރޯޑްރޯމް ސްޓމިއުލޭޓާ ގާއިމްކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

އެ ސިސްޓަމްގް ސަބަބުން ރާއްޖޭގެ ވައިގެ ޓްރެފިކް ބެލެހެއްޓުމަށް ކުރާ މަސައްކަތް ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަށް ވެސް ހާރިސް ވިދާޅުވިއެވެ.