މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ދޫކޮށްފައި އޮތް ރ. ފުއްގިރި ވިއްކާލަން އިއުލާނުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް އެމިނިސްޓްރީން ކުއްޔަށްދޫކޮށްފައިވާ ރ. ފުއްގިރި ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެމިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އެންގުމަށް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

މިނިސްޓްރީން ވިއްކާލަން އިއުލާނުކޮށްފައިވާ ފުއްގިރިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއް މިލިއަން ޑޮލަރު ނަންގެވިކަމަށް ތުހުމަތުކޮށްފައިވާ ރަށެކެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިޔާނާތުގެ ދެ ދާއުވާއެއް ދައުލަތުން ވަނީ ކޮށްފައެވެ.

އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ދާއިރު ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ބެހޭ މައުލޫމާތުތަކެއް ފެންޑޯރާ ޕޭޕާސްއިން ވަނީ ކުރިން ލީކުކޮށްލާފައެވެ.

ޕެންޑޯރާ ޕޭޕާސްގައިވާ ގޮތުން 2015 ވަނަ އަހަރު ޓެންޑާނުކޮށް، ފުއްގިރި ވަނީ 1.55 މިލިއަން ޑޮލަރަށް ދުބާއީގެ ކްލާސިކް ސިޓީ އައިލޭންޑް ހޯލްޑިންގްސް ޕްރައިވެޓް ލިބިޓެޑަށް ކުއްޔަށް ދީފައެވެ. އަދި އެ ކުންފުންޏަކީ އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ ނުފޫޒު ގަދަ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޯސްލޭ އާއި އިންޑިއާގެ އިތުރު ވިޔަފާރިވެރިއެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނާޝިޕް ކުންފުންޏެކެވެ. ބޮސާލޭގެ އާއިލީ ވިޔަފާރިން މި ކުންފުނީގެ 50 ޕަސެންޓް ހިއްސާވެ 8.5 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ޕީޖީން ތުހުމަތުކޮށްފައިވާ 1.1 މިލިއަން ޑޮލަރު ޔާމީނަށް ލިބިފައިވަނީ ބްރިޓިޝް ވާޖިން އައިލޭންޑްސް ކޮމްޕެނީގެ އެނޯނިމަސް ކުންފުންޏެއް ކަމަށްވާ އޭ އެންޑް އޭ ހޯލްޑިންގްސް ގްރޫޕް ލިމިޓެޑުން ޔާމީންގެ އެސޯޝިއޭޓެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ފަހުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްގެން ކަމަށް ޕެންޑޯރާ ޕޭޕާސްގައި ބުނެފައިވެއެވެ.

ޕެންޑޯރާ ޕޭޕާސްގައިވާ ގޮތުން އޭ އެންޑް އޭ ހޯލްޑިންގްސް ގްރޫޕްގެ ވެރިފަރާތަކީ ކްލާސިކް ސިޓީ އައިލޭންޑް ހޯލްޑިންގްސްގެ އެއް ހިއްސާދާރު ކަމަށްވާ އަމިތު ކުމާރު ގާންދީ އާއި އޭނާގެ ބޭބެ އަވިނާޝް ކުމާރު ގާންދީގެ ކުންފުންޏެކެވެ.

ޕެންޑޯރާ ޕޭޕާސްގައިވާ ގޮތުން އަވިނާޝް ބޯސްލޭ އާއި އޭނާގެ ކޮއްކޮ އަމިތު ބޯސްލޭގެ މަނީލޯންޑަރިންގެ ދެ ކޭހެއް މިހާރުވެސް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.