ކްރިމިނަލް ކޯޓް

އަޅުގަނޑަށް ރައްކާތެރިކަން އޮތީ ޝަރީއަތް ލައިވް ކޮށްގެން: ރައީސް ޔާމީން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައި، ރައްކާތެރިކަން އޮތީ ޝަރީއަތް ލައިވް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އެ މައްސަލައިގެ އަޑުއެހުމުގައެވެ. އެމަނިކުފާނު ވަނީ އެ މައްސަލަ ލައިވް ކޮށްދެއްވުމަށް، ކުރިމިނަލް ކޯޓުގައި ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައިވެސް، ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ފުރަތަމަ ސުވާލު ކުރެއްވީ ޝަރީއަތް ލައިވް ކުރުމުގެ ކަންތައް ގޮސްފައި އޮތް ހިސާބެއް އޮޅުން ފިލުވުމަށެވެ.

ޖަވާބުގައި މީގެ ކުރިންވެސް ވިދާޅުވެފައިވާ ފަދައިން، އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް މިއަދުވެސް ވިދާޅުވީ، މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާގެ ފެށޭއިރު، ޝަރިއަތް، ލައިވް ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަޑުއެހުންތަކުގައި ނޫސްވެރިން ބައިވެރިވާތީ، ޝަރީއަތުގެ މަޖިލީހުގައި ހިނގާ ކަންކަން އެ ހިނގި ގޮތަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. ގާޒީ ވިދާޅުވީ، ޝަރީއަތަށް ފާޑުކިޔުމަކީ ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އެ މައްސަލައިގައި އެމަނިކުފާނަށް ރައްކާތެރިކަމެއް އޮތީ، ޝަރީއަތް ލައިވް ކޮށްގެން ކަމަށެވެ. އަދި އެ ކަމަށް ގާޒީގެ ސީދ ޖަވާބެއް ލިބިވޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމާގުޅިގެން ގާޒީ ވިދާޅުވީ، އެއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ނިންމައިފި ނަމަ އެ މައްސަލަ ލައިވްކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ދިފާއީ ހެކި ހާމަ ކުރުމުގެ މަރުހަލާގައި، ރައީސް ޔާމީނުގެ ފަރާތުން 18 ހެއްކެއް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި ޝަފަހީ ހަތް ހެއްކާއި، ކިތާބީ 11 ހެއްކެއް ހިމެނެއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ރިސޯޓެއް ގޮތުގައި ތަރައްގީކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.