ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން 18 ދިފާއީ ހެކިން ހުށަހަޅުއްވައިފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތް އެ މައްސައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ، ރައީސް ޔާމީންގެ އިތުރުން އެ މައްސަލައިގައި ރިޝަވަތު ދިން ކަމުގެ ދައުވާ އުފުލާފައިވާ ޔޫސުފް ނައީމުގެ މައްސަލައާއެކު، ދެ މައްސަލަ އެކުއެކީގައެވެ.
އެހެން އަޑުއެހުންތަކެކޭ އެއްގޮތަށް މިއަދުގެ އަޑުއެހުމުގައިވެސް، ރައީސް ޔާމީންގެ ގާނޫނީ ޓީމުން ސުވާލު ކުރެއްވީ، އެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމުގެ ކަންކަމާބެހޭގޮތުންނެވެ.
ރައީސް ޔާމީންވެސް ވިދާޅުވީ، އެމަނިކުފާނަށް ރައްކާތެރިކަން އޮތީ، ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިޔުމުގައި ކަމަށެވެ. އެހެންކަމުން އެކަމަށް ސާފު ޖަވާބެއް ޝަރީއަތުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އެކަމާ ގުޅިގެން މައްސަލަ ބައްލަވާ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތް ފެށެންވާއިރަށް އަޑުއެހުންތައް ލައިވް ކުރެވޭނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ދިފާއީ ހެކި ހާމަ ކުރުމުގެ މަރުހަލާގައި، ރައީސް ޔާމީނުގެ ފަރާތުން 18 ހެއްކެއް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި ޝަފަހީ ހަތް ހެއްކާއި، ކިތާބީ 11 ހެއްކެއް ހިމެނެއެވެ.
އޭގެ ތެެރއިން ކިތާބީ ހެކިތަކުގެ ތެރޭގައި ޑޮލަރު ވިއްކި ކަމުގެ ލިޔުމެއް ހިމެނެއެވެ. ނަމަވެބެސް އެއީ ކޮން ތާރީހެއްގެ މުއާމަލާތެއްކަން އެނގެން ނެތުމުން، އެކަން ޝަރީއަތުގެ ކުރީގެ ހުށައެޅުމެއްގެ ގޮތުގައި ހުށައަޅުއްވާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއީ ހެކިންގެ ގޮތުގައި ޔޫސުފް ނައީމުގެ ފަރާތުން، 13 ހެއްކެއް ހުށަހެޅިއެވެ. އޭގެ ތެރޭގައި ތިން ޝަފަހީ ހެއްކާއި، 10 ކިތާބީ ހެކި ހިމެނެއެވެ.
މީގެކުރީގައި އޮތް މި މައްސަލައިގެ އަޑުއެހުމުގައި މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވާތީ، ދެން އޮންނާނީ މި ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ ކަނޑައެޅުމެވެ.
އެކަމާބެހޭގޮތުން ދެ ފަރާތަށް ފުރުސަތު ދެއްވުމުން، ރައީސް ޔާމީންގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ވަނީ އެކަމަށްޓަކައި އިތުރު އަޑުއެހުމެއް ބާއްވައިދިނުމަށް ޝަރީއަތުގައި އެދިފައެވެ.
އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ނިންމެނީ، މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެތޯ ކަނޑައެޅުމުގެ ކުރިން އެކަމާބެހޭގޮތުން ވާހަކަ ދެއްކުމަށް އަންނަ އޭޕްރީލްމަހު އަޑުއެހުމެއް ބޭއްވުމަށެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް