ޚަބަރު

އާ ޓެކްނޯލޮޖީގެ އީޖާތުތައް ޓެސްޓުކުރުމަށް ބޭނުންހިފޭނެ ގައުމަކަށް ރާއްޖެވާނެ: ޝައުނާ

މުހައްމަދު އިޝާން

ރާއްޖެއަކީ ކުޑަ ގައުމެއްކަމުން އުފެއްދުންތެރި އާ ޓެކްނޯލޮޖީގެ އީޖާތުތައް ޓެސްޓުކުރުމަށް ބޭނުންހިފޭނެ ގައުމަކަށް ރާއްޖެވާނެކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ދުބައިގައި ކުރިއަށްދާ ވޯލްޑް ގަވަމެންޓް ސަމިޓް 2022 ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ރާއްޖެ ހިމެނޭހެން ދުނިޔޭގެ ތަރައްގީގައި ޓެކްނޯލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާކަމަށެވެ. ދިވެހި ސަރުކާރުން ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމަކަށް ބަދަލުކުރުމަށް ކުރެވެމުން އަންނަ މަސައްކަތައް ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ، ވިލުންވެރި މުޖުތަމައެއް ގާއިމުކުރުމަށް ޓެކްނޯލޮޖީ އަދި އެކަމާ ގުޅޭ މައުލޫމާތު އެނގުން މުހިންމު ކަމަށެވެ.

ޝައުނާ ވިދާޅުވީ، ސެޓެލައިޓާއި ޑްރޯން ފަދަ ޓެކްނޯލޮޖީގެ އެހީގައި ރާއްޖޭގެ އައްސޭރިފަށާއި ފަރުތަކުގެ ގުދުރަތީ ހާލަތު ދެނެގަނެ އެފަދަ މައުލޫމާތުގެ އެހީގައި އެނގިތިބެ ކަމާގުޅޭ ނިންމުންތައް ނިންމޭނެ ކަމަށާއި ރާއްޖެއަކީ ކުޑަ ގައުމެއްކަމުން އުފެއްދުންތެރި އާ ޓެކްނޯލޮޖީގެ އީޖާތުތައް ޓެސްޓުކުރުމަށް ބޭނުން ހިފޭނެ ގައުމަކަށް ރާއްޖެވާނެ ކަމަށެވެ.

ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ބެހިފައި ހުރިގޮތުން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ތައުލީމު ހުރިހާ ރަށަކަށް އެއް ހަމައެއްގައި ފޯރުކޮށްދިނުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ޝައުނާ ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއަކީ ވިލުންތެރިކަމަށް އިސްކަންދޭ ގައުމަކަށް ވާންޖެހޭނެ ކަމަށާއި ވިލުންތެރިކަން އިތުރުކުރުމަށް މުސްތަގުބަލުގައި ކުރިމަތިވެދާނެ ކަންކަމަށް މީހުން ބިނާކޮށް ޒުވާން ޖީލު ތައްޔާރުކުރަންޖެހޭކަމުގައި ޝައުނާ ވިދާޅުވިއެވެ.

މީގެ ދެ އަހަރުކުރިން ރާއްޖޭގައި ސްކޫލް ނިންމާ ކުދިންނަށް އަތްފޯރާފަށުގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނެތްކަމަށާއި ނަމަވެސް މިހާރު ސަރުކާރުން މަތީ ތައުލީމު ހިލޭ ހޯދުމުގެ ފުރުސަތު ފަހިކޮށްދީ މިހާތަނަށް ގާތްގަނޑަކަށް 10،000 ކުދިނަށް އެފުރުސަތު ހޯދައިދީފައިވާކަމަށް ޝައުނާ ވިދާޅުވިއެވެ. ހަމަ އެހެންމެ ގިނަ އަދަދެއްގެ ކުދިން ހެނދުނު ނާސްތާ ނުނަގައި ސްކޫލަށް ހާޒިރުވުމުގެ ސަބަބުން ކުދިންގެ އުނގެނުމަށް އޭގެ އަސަރުކުރާކަން ފާހަގަކުރެވޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ސްކޫލް ކުދިންނަށް ނާސްތާ ޕްރޮގްރާމް ތައާރަފު ކޮށްފައިވާކަމަށް ޝައުނާ ވިދާޅުވިއެވެ.

ވޯލްޑް ގަވަމެންޓް ސަމިޓު 2022 ގައި ވާހަކަ ދައްކަވަމުން ޝައުނާ ވަނީ ރާއްޖޭގައި މީހުން ބިނާކުރުމުގެ ކަންކަން ކުރިޔަށްދާގޮތަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން މީހުން ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ބޭރުގެ އެހީ ބޭނުންވާ ކަން ޝައުނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޝައުނާ ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ފެށިގެން ސަރުކާރުން ސިއްހީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް ފަށާފައިވާތީ ކޯވިޑް ބަލިމަޑުކަން ކުރިމަތިވުމުން ރާއްޖެ އެ ހާލަތުން އަރައިގަތުމަށް މަގުފަހިވެގެންދިޔަކަން ފާހަގަކުރައްވައިފައެވެ. ޝައުނާގެ ވާހަކައިގައި ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާއަށް އަލިއަޅުއްވައިލައްވަމުން ރާއްޖޭގެ އާބާދީގެ 90 ޕަސަންޓަށް ވެކްސިން ދީފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާދިއުން އެއީ އެކަމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއްކަން ޝައުނާ ފާހަގަކުރެއްވިއެވެ.

ވޯލްޑް ގަވަމެންޓް ސަމިޓު 2022 ގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގެ ވެރިޔަކި ނައިބު ރައީސް ފައިސަލް ނަސީމްއެވެ.