ޚަބަރު

ގޯ އެއާގެ ދަތުރުތައް ހުއްޓައެއް ނުލާ، ކެންސަލްވީ އުސޫލުތަކަށް އައި ބަދަލަކުން: ފޮރިން

މުހައްމަދު އިޝާން

އިންޑިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާނުލާ ކަމަށާއި ގޯ އެއާގެ ދަތުރުތައް ކެންސަލްވީ އިންޑިއާގެ ބޯޑަރު މިހާރު ހުޅުވާލާފައިވާތީ އާއްމު އުސޫލުން އަނެއްކާވެސް ފްލައިޓްތަކުގެ ދަތުރުތައް ފެށުމާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިގޮތަށް ބުނެފައި މިވަނީ ގޯ އެއާގެ ތިން ފްލައިޓު މިއަދު ކެންސަލްވުމާ ގުޅިގެން ބައެއް ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރުކުރާ ފްލައިޓްތައް ހުއްޓާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނުމުންނެވެ.

އެ ވާހަކަތައް ދޮގުކޮށް ފޮރިން މިނިސްޓްރީން މިއަދު ބުނީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. އަދި ގޯއެއާގެ ދަތުރުތައްވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ގޯ އެއޭއިން މިއަދުގެ ފްލައިޓުތައް ކެންސަލްކުރީ، ކޮވިޑްގެ ހާލަތާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކުރި އިރު ރާއްޖެ އާއި އިންޑިއާ ދެމެދު އެކުލަވާލި އެއާ ބަބުލްގެ މުއްދަތު ހަމަވެފައިވުމުންނާއި އިންޑިއާގެ ބޯޑަރު މިހާރު ހުޅުވާލާފައިވާތީ އާއްމު އުސޫލުން އަނެއްކާވެސް ފްލައިޓްތައް ފެށުމާ ގުޅިގެން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި އިންޑިއާގެ ދެމެދުގައި ޝެޑިއުލް ދަތުރުތައް އެގައުމުގެ ސިވިލް އެވިއޭޝަން މުއައްސަސާތަކުގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް މިއަދު ބުނީ، ގޯ އެއާގެ ތިން ފްލައިޓެއް މިއަދު ކެންސަލް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ އެއާލައިނުގެ ދަތުރުތައް ހުއްޓާނުލާ ކަމަށެވެ.