ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ފެއާ ޕްލޭ ޓީމަކަށް ށ. ކަނޑިތީމު، އަދި ބެސްޓް ސަޕޯޓާސް ޓީމަކަށް އއ. މަތިވެރި ހޮވިއްޖެއެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ މުބާރާތުގައި ޖުމްލަ 91 ޓީމު ބައިވެރިވެފައިވެއެވެ. މުބާރާތުގައި ކުޅުނު އަތޮޅު ބުރުގެ މެޗުތަކުގެ އިތުރުން ޒޯން ބުރާއި ގަދަ 16 ގެ ބުރުގެ އިތުރުން ކުއާޓާ ފައިނަލް، ސެމީ ފައިނަލްގެ އިތުރުން ފައިނަލް މެޗުވެސް ފެނުނީ ފޯރި ގަދަ ކޮށެވެ. ފައިނަލްގައި ވާދަކުރީ ކ. ގާފަރާއި އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓެވެ.
މިރޭ އޮތް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމުވެސް ހަވާލު ކޮށްފައިވާ އިރު، މުޅި މުބާރާތުގެ ބައެއް ވަނަތައްވެސް ވަނީ ހޮވައިފައެވެ. އެގޮތުން ފެއާ ޕްލޭ ޓީމާއި އެންމެ ބެސްޓް ސަޕޯޓަރުންގެ ޓީމު ހިމެނެއެވެ. މުބާރާތުގައި ށ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑިތީމުން ނަގާފައިވާ އިރު، އެޓީމުން ވަނީ ޒޯން އެކެއްގެ ފައިނަލްވެސް ކުޅެފައެވެ.
ޒޯން އެކެއްގެ ފައިނަލްގައި ހއ. އިހަވަންދޫ ކައިރީ ކަނޑިތީމު ބަލިވި ނަމަވެސް އެޓީމަށް ގަދަ 16 ގެ ފުރުސަތު ލިބުނެވެ. ގަދަ 16 އިން ކަނޑިތީމު ކަޓައިގެން ދިޔައީ މާލެގަން ކައިރީ 4-3 އިން ބަލިވެގެންނެވެ. ކަނޑިތީމުގެ މެޗުތައް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެޓީމު ފެނުނީ މުބާރާތުގެ އެންމެ ޑިސިޕްލިން ރަނގަޅު ޓީމުގެ ގޮތުގައެވެ. އެހިސާބަށް ޓީމު ދިޔައިރު، ޓީމަށް ދައްކާފައި ވަނީ އެންމެ ރީނދޫ ކާޑެކެވެ.
އއ. މަތިވެރިއަށް ބެސްޓް ސަޕޯޓާސް ޓީމު ލިބިފައިވާ އިރު، އެ ރަށު ޓީމުން ކުޅުނު ހުރިހާ މެޗެއްވެސް ފެނުނީ ފޯރިގަދަ ކޮށެވެ. ހާއްސަކޮށް ރަށުގައި މެޗު ބެލުމުގެ އިންތިޒާމްތައްވެސް ހަމަޖެހިގެން ގޮސްފައިވާތަން ފެނިފައިވެއެވެ. އަނެއްކޮޅުން، ކޮންމެ މެޗަކަށްފަހު ޓީމު ރަށަށް ދިޔުމުން، ޓީމުގެ އިސްތިގުބާލަށް ގިނަ ބަޔަކު ބަނދަރަށް ޖަމާވެ ހިތްވަރު ދެމުންދާތަންވެސް ފެނިގެން ގޮސްފައިވެއެވެ.
މަތިވެރިއަކީ އއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. އެޓީމުން ޒޯނު ފަހަނައަޅައި ގަދަ 16 އަށް ގޮސްފައިވާ އިރު، ކެޓީ ތ. ތިމަރަފުށި އަތުން ބަލިވެގެންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.