ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އެކޯޓްގެ ގާޒީ ހުޒައިފާ މުހައްމަދު އައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޒައިފާއަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސެއިންނެވެ.

ފެމެލީ ކޯޓުގެ އިސްގާޒީ ކަމަށް އައްޔަނުކުރި ހުޒައިފާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކުރައްވައިފައެވެ.

އޭނާ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

މިއީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

ފެމިލީ ކޯޓްގެ އިސް ގާޒީގެ މުސާރައަކީ 31,000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,375 ރުފިޔާ ލިބޭނެއެވެ.

ފެމިލީ ކޯޓުގެ އިސްގާޒީއަކަށް ހުޒައިފާ އައްޔަނުކުރެއްވިއިރު، ވަގުތީ ގޮތުން މީގެ ކުރިންވެސް އެ މަގާމު ފުރުއްވަމުންގެންދެވީ އޭނާއެވެ.

މީގެ ކުރިން ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވީ ކުރީގެ ފަނޑިޔާރު ހަސަން ސައީދެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ކުރިމިނަލް ކޯޓަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން އެ ކޯޓަށް އިސް ގާޒީއަކު އައްޔަންކޮށްފައެއް ނުވެއެވެ.

ހަސަން ސައީދުގެ ފަހުން އިސް ގާޒީގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ ކުރީގެ ފަނޑިޔާރު އަބްދުﷲ އަދީބެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ރިޓަޔާވެވަޑައިގެންފައެވެ.

ފެމިލީ ކޯޓުގައި މިހާރު ތިއްބެވީ ނުވަ ގާޒީންނެވެ. ގާޒީ ހުޒައިފާގެ އިތުރުން ދެން ތިއްބަވަނީ ގާޒީ އަހުމަދު މުސްތަފާ، ގާޒީ އިބްރާހީމް މާހިރު، ގާޒީ އަބްދުﷲ މުހައްމަދު، ގާޒީ އަބްދުﷲ ނަޝީދު، ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒް، ގާޒީ ޒައީމާ ނަޝީދު އަބޫބަކުރު އަދި މައީޝާ ޔޫސުފް ސަމީރެވެ.