ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ކުރާނެ މަސައްކަތެއް ނެތިގެން، ޖަލްސާ ފެށިތާ ގަޑިއެއްހާއިރުގެ ތެރޭގައި މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

އެހެންދުވަސްތަކެކޭވެސް އެއްފަދައިން 9:00 ގައި ފެށި މިއަދުގެ ޖަލަސާގެ އެޖެންޑާގައި އޮތީ، ބައެއް ޔައުމިއްޔާތައް ފާސް ކުރުމުގެ އިތުރުން، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާ ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

އެއަށްފަހު ލ. ކުނަހަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސެލް ދަނޑާއި، އައުޓްޑޯ ޖިމާބެހޭގޮތުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފާ ސުވާލު ކުރެއްވުމާއި، ތ. ފުނައްޑޫއަކީ މަސްވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ރަށަކަށްވާއިރު، އެ ރަށުގައި މަސްގަނެ ޕްރޮސެސްކުރުމުގެ އެއްވެސް ކަމެއް ހިނގާފައި ނުވާތީ އެކަމާބެހޭގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު، މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑޮކްޓަ ހުސައިން ރަޝީދު ހަސަން އާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ސުވާލު ކުރެއްވުމަށްވެސް އެޖެންޑާގައި ވެއެވެ.

ދެން އެޖެންޑާގައި އޮތީ، ސަރުކާރުގެ ފަރާތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

އެ މަސައްކަތްތަކަށްފަހު، ޖަލްސާ ނިންމަވައިލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުންފުނީގެ ބިލަށް ވާހަކަދައްކާނެ އިތުރު މެންބަރަކު ނެތް ކަމަށާއި، މިއަދުގެ އެޖެންޑާގައިވެސް އިތުރު މަސައްކަތެއް ނެތްކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ނިންމަވައިލެއްވީ ކަމަށާއި ދެން މަޖިލީހުގެ ޖަލްސާއެއްް އޮންނާނީ 4 އޭޕްރީމް 2022 ކަމަށްވެސް މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.

މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ އެންމެ 30 މެންބަރުންނެވެ. ފަސް މެންބަރަކު ސަލާމުގައި ތިއްބެވި ކަމާއި ހަތަރު މެންބަރަކު ރަސްމީ ދަތުރުތަކުގައި އުޅުއްވާ ކަމަށް މަޖިލިސް ރައީސް ޖަލްސާގެ ރިޔާސަތުން އިއުލާނު ކުރެއްވިއެވެ.

އެހެންކަމުން، މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ މަޖިލީހުގެ %30 މެންބަރުންނެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވަނީ، މަޖިލިސް މެންބަރުންނަށާއި ދިވެހި ހުރިހާ ރައްޔިތުންނަށް ރަމަޟާން މަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. އެެއީ މިއަދުގެ ޖަލްސާއަކީ ރަމަޟާން މަހުގެ ކުރިން ބާއްވާ އެންމެ ފަހު ޖަލްސާ ކަމަށްވާތީއެވެ.

އެމަކުފާނު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 48 (ށ) ގައި ވާގޮތުގެމަތިން އަންނަ ރޯދަމަހުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެ ކަމަށެވެ.

އެއީ ހެނދުނު 10:00 އިން މެންަރުން 12:00 އަށް އަދި 12:00 އިން 1:00 ހުސްވަގުތުކޮޅެއް ދިނުމަށްފަހު 1:00 އިން 2:00 އަށެވެ. މަޖިލީހުގެ ނަމާދުގެ ރޯދައަށް ޓަކައި އިތުރަށް ތައްޔާރު ކުރެވިފައިވާ ކަމަށާއި، ނަމަވެސް ހުރިހާ މެންބަރުން އެއްފަހަރާ އެތަނަށް ވަޑައިގެންފިއްޔާ މައްސަލަ ދިމާވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.