ޚަބަރު

އަންނަ އަހަރުގެ ސްޕޯޓްސް އެވޯޑް ސްޕޮންސާކުރަން ބޮޑެތި އެއާލައިންތަކުން ބޭނުންވޭ: މަހްލޫފް

އިބްރާހިމް ޒަކީ

1

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި އަންނަ އަހަރު ބައިވެރިވުމަށް ދުނިޔޭގެ ބޮޑެތި އެއާލަތިންތަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި، އެވޯޑް ސްޕޮންސާ ކުރަން އެފަރާތްތަކުން ބޭނުންވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، އެވޯޑް ސްޕޮންސާ ކުރަން އަންނަ ހަފުތާއި ސްޕޯޓްސް މިނިސްޓްރީއާއެކު ސޮއިކުރަން ކްރޮސްރޯޑްސް އިން ވެސް ތައްޔާރަށް އޮތް ކަމަށެވެ.

މެމްބަރު ސައީދު މިނިސްޓަރު މަހްލޫފާ ސުވާލު ކުރެއްވީ، މިމަހު 18 ވަނަ ދުވަހުގެރޭ ބޭއްވި ސްޕޯޓް އެވޯޑަށް ދުނިޔޭގެ ފުޓުބޯޅަ ލެޖެންޑުން ކަމަށްވާ، ރޮބާޓޯ ކާލޯސް ފަދަ ކުޅުންތެރިން ގެންނަން 2.9 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާކަމަށް މީޑިއާތަކުން ދައްކާކަމަށް ވިދާޅުވަމުންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ކުޅިވަރު އެވޯޑު ދިނުމަކީ، ކުޅިވަރުގެ ގާނޫނާއި، ކުޅިވަރާބެހޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭކަމެއް ކަމަށެވެ. މިމަހު ބޭއްވި ސްޕޯޓްސް އެވޯޑަކީ، ވަރަށް ތަފާތު، ވަރަށް ބޮޑު، އަދި މީހުންނަށް ގަބޫލުކުރަންދަތި ކަމެއްގެ ގޮތުގައި ކުރިއަށްދިޔަ އެވޯޑެއް ކަމަށާއި، އެކަން ވީ ކިހިނެއްތޯ ބަލަން މީހުން ޝައުގުވެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ އެވޯޑް ބާއްވަން ހަރަދުކުރި ފައިސާއާ ބެހޭގޮތުން ސުވާލު ކުރަމުންދާއިރު، ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް އެވަރުގެ އަދަދެއް ހަރަދު ކުރާއިރު އެކަމާބެހޭގޮތުން އެއްވެސް ބޭފުޅަކު ސުވާލު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ނިމިދިޔަ ސަރުކާރުންވެސް އަދި މި ސަރުކާރުންވެސް، ނިއުއިޔަރ ޝޯއެއް ބޭއްވިޔަސް އެންމެ ރެޔަކަށް އެވަރު ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަސްލު ބަލަން ބޭނުންވެގެން މިއުޅެނީ، ކިހިނެއްތޯ ވެގެން މިއުޅެނީ، އަޅުގަނޑުމެން މިފަހަރު މި ހަރަދު ކުރި އަދަދަށް، ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ވެސް ހަރަދު ކުރަނީ، އެކަމަކު އެއްވެސް ބޭފުޅަކު ކިހާވަރެއްތޯ އަހާލާކަށް ބޭނުމެއް ނުވޭ، ނިއުއިޔާ ޝޯއެއް އައިސްގެން ޝޯ ބާއްވަން ކުރީގެ ސަރުކާރުން ވެސް، މިހާރުގެ ސަރުކާރުން ވެސް އެންމެ ރެޔަކަށް އެއަށްވުރެ ގިނައިން ހަރަދު ކުރާނެ އެކަމަކު މިފަހަރު މިވީގޮތަކީ ރޮބާޓޯ ކާލޯސް އައިސް އެތަނުން އެވޯޑެއް ހިފައިގެން ދިޔައިމަ، ދުނިޔޭގެ ކުރީގެ 100 މީޓަރުގެ ވޯލްޑް ރެކޯޑް ހޯލްޑަރު އައިސް އެވޯޑެއް ހިފައިގެން ދިޔައިމަ ހިތަށް އެރީ ކިހިނެއްހޭ ވެގެން މިއުޅެނީ،"

މިނިސްޓަރު ވިދާޅުވީ، އެ އެވޯޑު ބޭއްވުމުން އެކި ފަރާތްތަކުގެ ބޮޑެތި ކޮމެންޓުތަކެއް ލިބުނު ކަމަށެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ވަރަށް ސީނިއާ ބޭބޭފުޅުން ފާހަގަ ކޮށްލެވޭ ކަމަށާއި، މީން ދުވަހަކު، ރާއްޖޭގެ ޓޫރުޒަމް ޕްރޮމޯޓް ކުރަންވެސް އެވަރުގެ އިވެންޓެއް ކުރިއަށް ގެންގޮސްފައި ނެތްކަމަށް އެފަރާތްތަކުން ބުނިކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެހެންކަމުން އެ އެވޯޑަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ކުޅިވަރުގެ އެތުލީޓުންގެ ކުރިއެރުމަށާއި، އެސޯސިއޭޝަންތަކުގެ ކުރިއެރުވުމަށް ވަރަށް ފުރިހަމަޔަށް ބޭއްވިގެންދިޔަ އެވޯޑެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.