އެފްރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފައިނަލް ބުރުގައި މުހައްމަދު ސަލާހުގެ މިސްރު ކަޓުވައިލައި، ސަޑިއޯ މާނޭގެ ސެނެގާލް ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.

ސެނެގާލް އާއި މިސްރު ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު ބުރުގައި ކުޅެފައި ވަނީ ދެ ލެގެވެ. ފުރަތަމަ ލެގުގައި ސަލާހުގެ މިސްރުން ސެނެގާލްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭ ދެވަނަ ލެގު ސެނެގާލްގެ 50،000 މީހުން ޖާގައިގެ ސްޓޭޑިއަމްގައި ކުޅުނު އިރު، އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ސެނެގާލް 1-0 އިން ކުރީގައި އޮއްވައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެގްރިގޭޓް ނަތީޖާ 1-1 އިން އެއްވަރު ވެފައި އޮތުމުން ވޯލްޑް ކަޕް ކޮލިފިކޭޝަން ޖާގަ ޔަގީންކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސެނެގާލް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ސެނެގާލް މޮޅުވި ޕެނަލްޓީ މާނޭ ވައްދާލި އިރު، އޭނާއާއެކު ލިވަޕޫލަށް ކުޅޭ ސަލާހް މެޗުގައި ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.

ރޭގެ މެޗުގައި ސެނެގާލުން ޖެހި ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ ބޯލާޔޭ ޑިއާއެވެ. މެޗުގެ ކުރީކޮޅުގައި ޑިއާ ގޯލު ޖެހި އިރު، މެޗު ފެނިގެން ދިޔައީ ދާދި ހަމަހަމަ މެޗެއްގެ ގޮތުގައެވެ.

ސެނެގާލާއި މިސްރަކީ އެންމެފަހުން ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައިވެސް ކުޅުނު ދެޓީމު ކަމަށްވީ އިރު، އެ މެޗުވެސް ސެނެގާލުން ކާމިޔާބުކުރީ ޕެނަލްޓީގައެވެ. އެ މެޗުގައި މުހިއްމު ޕެނަލްޓީއެއް މަތަކުރި ސެނެގާލްގެ ގޯލްކީޕަރު، ޗެލްސީގެ އެޑުއާޑް މެންޑީ ވަނީ ރޭގެ މެޗުގައިވެސް މިސްރުގެ މޮސްތަފާ މުހައްމަދު ޖެހި ޕެނަލްޓީ މަތަކޮށްފައެވެ.

ސަލާހް ޖެހި ޕެނަލްޓީ ބޭރަށް ގޮސްފައިވާ އިރު، އެ ޕެނަލްޓީއަށް ސަލާހް ތައްޔާރުވި ވަގުތު ގޯލު ފަހަތުން ލޭޒާ އަލިތަކެއް ސަލާހްގެ މޫނަށް އެޅުވި މަންޒަރު ފެނުނެވެ. ސެނެގާލް ސަޕޯޓަރުން ސަލާހުގެ މޫނު މައްޗަށް އެޅުވި ލޭޒާތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުވެސް ކިޔަމުންނެވެ.

މެޗުގެ ފުރަތަމަ ހަތަރު ޕެނަލްޓީވެސް ނާކާމިޔާބު ވިތަން ފެނިގެން ގޮސްފައިވާ އިރު، ސެނެގާލްގެ ޕެނަލްޓީތައް ނާކާމިޔާބު ކޮށްލީ ކަލިޑޫ ކުލިބާލީއާއި ސައިލޯ ސިސްއެވެ. ސަލާހުގެ އިތުރުން މިސްރުގެ ޕެނަލްޓީތައް ދެން ނާކާމިޔާބު ކޮށްލީ ޒީޒޯއާއި މޮސްތަފާއެވެ. މިސްރަށް ޕެނަލްޓީ ވައްދައިދިނީ އަމްރު އަލް ސުލާޔާއެވެ. ސެނެގާލުން އިސްމައިލާ ސާ އާއި އަހްމަޑޫ ބަންބާ ޑިއޭންގް އަދި މާނޭ ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރިއެވެ.

އެފްރިކާގެ ކޮލިފިކޭޝަން އަނެއް މެޗުގައި ގާނާގެ ތޯމަސް ޕާޓޭ ޖެހި ގޯލުން އެޓީމު ވަނީ ވޯލްޑް ކަޕްގެ ޖާގަ ޔަގީން ކޮށްފައެވެ. ނައިޖީރިއާ ކަޓުވައިލައި ގާނާއިން ވޯލްޑް ކަޕް ޔަގީންކުރީ އަވޭ ގޯލަކުންނެވެ. ފުރަތަމަ މެޗު 0-0 އިން ނިމުނު އިރު، ރޭ ނައިޖީރިއާގައި ކުޅުނު މެޗު ނިމުނީ 1-1 އިންނެވެ.

ސެނެގާލާއި ގާނާއަކީ މިފަހަރުގެ ވޯލްޑް ކަޕަށް އެފްރިކާއިން ކޮލައިފައިވި ފުރަތަމަ ދެޓީމެވެ. އޭގެ އިތުރުން ރޭ ކުޅުނު ކޮލިފިކޭޝަން މެޗުތަކުގައި ޓިއުނީޝިއާއާއި ކެމަރޫން އަދި މޮރޮކޯވެސް ވަނީ ވޯލްޑް ކަޕް ޖާގަތައް ޔަގީން ކޮށްފައެވެ.