ޚަބަރު

މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ޓްރާންސްޕޭރެންސީއަށް ކުރި އަބުރުގެ ދައުވާ ސާބިތެއްނުވި

މުހައްމަދު އިޝާން

ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ކުރި އަބުރުގެ ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އެ މައްސަލައަކީ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ކިބައިން އެއްވެސް ކަމެއް އޮޅުންފިލުވުމެއްނެތި ރައްޔިތުން މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހެޅި މައްސަލައެއްގައި އައިމާ ކުންފުނީގެ އަބުރަށާއި ނަމަށް ހުތުރުވާގޮތަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އައިމާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ދެހާސް ވިހިވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައިވަނީ، އައިމާ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މުވައްޒަފުންތަކަކަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުމެއްނެތި އެ މީހުންގެ ގައުމަށް ފުރުވާލާފައިވާކަމަށެވެ.

އެ ވާހަކަތާ ގުޅިގެން އައިމާއިން ދައުވާގައި ބުނެފައި ވަނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އެގޮތަށް ވާހަކަ ދެއްކުމުގެ ސަބަބުން އެ ކުންފުންޏަކީ ހިޔުމަން ޓްރެފިކިންކުރާ ކުންފުޏެއްގެ ލޭބަލް އެޅުވިފައިވާ ކަމަށެވެ.

އެހެންވެ އައިމާ އިން ދައުވާކުރީ އަބުރާ ބެހުމުން ލިބުނު މައުނަވީ ގެއްލުމަށް 5،000 ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށާއި މާލީ ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ. ނަމަވެސް ޓްރާންސްޕޭރެންސީން ވަނީ އެ ދައުވާތަކައް އިންކާރުކޮށް އެއީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫން ކަމަށް ބުނެފައެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމްކުރީ، އައިމާ ކުންފުންޏާ ގުޅޭ ޝަކުވާތަކެއް މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅީ ޓްރާންސްޕޭރެންސީން މޯލްޑިވްސްއިން ކަމަށް ވިޔަސް ކޮމިޓީގައި އެ ޖަމިއްޔާއިން ވާހަކަ ދެއްކީ ކޮމިޓީން އެންގުމުން ކަމަށް ވާތީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން އިމްތިޔާޒު ލިބޭނެ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް ދެއްކީ ދޮގު މައުލޫމާތެއް ދިނުމުގެ ގޮތުން ކަމަށް ބެލެވުން ނެތުމުން އަބުރާ ބެހުމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގައި މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ދޭ މައުލޫމާތަކާ ގުޅިގެން އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ބުންޏެވެ.

މި މައްސަލަ ބެއްލެވީ ގާޒީ ފައްޔާޒު ޝާތިރުއެވެ.