އައްޑޫ ސިޓީ ހިތަދޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިންސާފު ހޯދައިދިނުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ކުށްތަކަކީ މުޅި މުޖުތަމައުގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ، އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި އެކަމުގައި އެކި ގޮތްގޮތުން ބައިވެރިވާ ފަރާތްތަކުން ހިންގާ ކަންކަމަކީ ކައުންސިލުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަންކަން ނޫން ކަމަށެވެ.

"އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި މިހާރު ކަންބޮޑުވުން އޮތް އިސްވެ ދެންނެވުނު މައްސަލާގައި ދިވެހި ފުލުހުންގެ ހިދުމަތަށާއި ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ މައްސަލަތައް ވަކިވަކިން ތަހުގީގުކޮށް ދިނުމަށް ދަންނަވަމެވެ،" އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ، އެ މައްސަލައިގައި އަދުލު އިންސާފު ހޯދައިދިނުން އަވަސްކޮށްދިނުމަށް ދައުލަތުގެ މުވައްސަސާތަކާއި ކަމާ ބެހޭ އެންމެހާ އިދާރާތަކަށް ގޮވާލައިފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އައްޑޫގެ ގިނަ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރީ އެ ކުއްޖާގެ ކާފައެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހި، އަސްލު ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމަށް ގޮވާލައި ހިތަދޫގައި އިއްޔެ އާއި މިއަދުވެސް ވަނީ މުޒާހަރާކޮށްފައެވެ.