އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކިރްގިސްތާންގައި ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން އަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސް ކުރާނެ އިންޑޯއެއް ހަމަ ނުޖެހި އޮތް އޮތުމުގެ މާޔޫސްކަން ބޮޑުވެއްޖެއެވެ.
ގައުމީ ފުޓްސަލް ޓީމުގެ ތަމްރީނުތަކަށް އިންޑޯއެއް ނެތުމުން އެކަމާ ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، އެންމެފަހުން ތައިލެންޑްގައި ކުޅުނު އިންވިޓޭޝަނަލް މުބާރާތު ކުރިންވެސް ގައުމީ ފުޓްސަލް ޓީމަށް އިންޑޯގެ ތަމްރީނެއް ނުލިބުނެވެ. އޭރުގެ ފަރިތަކުރުންތައް ބޭއްވީ އެފްއޭއެމްގެ މިނީ ޓާފާއި ގިޔާސުއްދީން ސްކޫލް ހޯލުގެ މެޓް ދަނޑުގެ އިތުރުން ޕީކޭ ސަރަހައްދު ފުޓްސަލް ދަނޑުގައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކާއި މާލޭގައިވެސް ސަރުކާރުން ފުޓްސަލްއަށް ހާއްސަކޮށް އަޅާފައި ވަނީ ޓާފް ދަނޑުތައް ކަމަށްވުމުން ފުޓްސަލްގެ ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވާންއެ ދަނޑުތައް އެންމެ އެކަށޭނެ އެއް ނޫނެވެ.
ތައިލެންޑް މުބާރާތަށް ދިޔުމަށް ގައުމީ ފުޓްސަލް ޓީމުން ޕްރެކްޓިސްތައް ކުރީ ގިޔާސުއްދީން ހޯލުގައި އޮންނަ މެޓް ދަނޑުގައި ކަމަށްވީ އިރު، މިފަހަރުވެސް ތަމްރީނުތައް ކުރަން އޮތީ އެ ދަނޑުގައެވެ. އެހެން ނަމަވެސް ރޭ ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓްގައި ވާގޮތުން ފަހު ވަގުތު އެ ދަނޑު ލިބުން ކެންސަލްވެ ޓީމަށް ރޭ ޖެހުނީ ފަރިތަކުރުންތައް ކެންސަލްކޮށް ގެއަށް ދާށެވެ. ޓީމު އެ ސްކޫލަށް ގޮސް އަނބުރާ ގެއަށް ދާން ޖެހުނީ ސްކޫލުގެ މެނޭޖުމަންޓާ ދެމެދު ކަންކަން ހަމަނުޖެހި އޮތުމުން ކަމަށް މައުލޫމާތު ލިބެއެވެ.
ފުޓްސަލް ޓީމަށް ދަނޑެއް ހަމަ ނުޖެހި އެކަން ދިގު ލައިގެން ދިޔުމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ މިއަދު ހެނދުނު ޓީމުގެ ތަމްރީނުތައް ޓާފް ދަނޑުގައި ބާއްވައިފައެވެ. އެހެން ނަމަވެސް އަދިވެސް އިންޑޯއެއް ހަމަޖެހޭތޯ ދަނީ ބަލަމުން ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން އިންޑޯ ފެސިލިޓީއެއް ހަމަޖެހޭތޯ ބަލަމުންދާ ކަމަށް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.
"އިންޑޯ އެބަ ބޭނުންކުރޭ ވަރަށް ގިނަ ބަޔަކު. އެތަން ފުޓްސަލް ޓީމަށް ދޭން ވަރަށް އުނދަގޫ މިހާލަތުގައި. ދެން ފުޓްސަލް ޓީމަށް އިތުރު ގޮތެއް ހޯދުމަށް، އެފްއޭއެމްއާ ގުޅިގެން މަސައްކަތްތަކެއް އެބަކުރެވޭ،" މަހްލޫފްގެ ޕާސަނަލް އެސިސްޓަންޓް އަހުމަދު އަޒްމޫން "ވަން" އަށް ވިދާޅުވިއެވެ.
އިންޑޯއަކަށް ޔޫތު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުގައި އޮތް ތަނަކަށް އޮތީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓެވެ. އެއީ އެތައް ކުޅިވަރަކަށް ބޭނުންކުރާ ތަނަކަށްވީ އިރު، އެތަން ދޫކުރުން ވެގެންދާނީ މިނިސްޓްރީއަށްވެސް އުނދަގޫ ކަމަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ މެދުވެރިވެ، މަޝްވަރާތައް ފަށައިގެން މިހާރު މަސައްކަތް ކުރަމުން އަންނަނީ ގައުމީ ޔުނިވާސިޓީގެ އެތެރެ ކޯޓުގައި ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސް ބޭއްވުމަށެވެ.
ގައުމީ ފުޓްސަލް ޓީމުން ހަފުތާއެއް ފަހުން ކިރްގިސްތާނަށް އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ކުޅެން ދިއުމަށް ހަމަޖެހިފައިވާއިރު، ޕްރެކްޓިސް ނުކުރެވިދާ ކޮންމެ ދުވަހަކީ ޓީމަށް ލިބޭނެ ގެއްލުމެކެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ އެންމެ ފަހުގެ ޗެމްޕިއަން އީރާންގެ އިތުރުން ރޭންކިން އަށް ބަލާއިރު، މަތީގައި އޮތް ކިރްގިސްތާނާއި ތުރުކުމެނިސްތާނާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު