ޚަބަރު

އިމުގާ އަށް ހުށަހަޅަންޖެހޭ ފޯމުގެ ނަން ބަދަލުކޮށް، ވަގުތު އިތުރުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުން ކޮވިޑާ ގުޅިގެން އިމުގާއަށް ހުށަހަޅަމުން އައި "ހެލްތް ޑިކެލެރޭޝަން" ފޯމުގެ ނަން ބަދަލުކޮށް ފޯމު ހުށަހެޅުމަށް ދީފައި އޮންނަ ވަގުތު އިތުރުކޮށްފިއެވެ.

އިމިގްރޭޝަން އިން މިއަދު ބުނީ ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުން މީގެ ކުރިން އެ އިދާރާގެ އޮންލައިން ޕޯޓަލް، އިމުގާއަށް އަޕްލޯޑްކުރަން ޖެހޭ "ހެލްތް ޑިކްލެރޭޝަން" ފޯމުގެ ނަން "ޓްރެވެލާ ޑިކްލެރޭޝަން" ފޯމް އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ ފޯމުގެ ނަން ބަދަލުކުރީ ކޮވިޑާ ގުޅިގެން އަޅާފައި އޮތް ސިއްހީ ކުއްލި ހާލަތު އުވާލައިފައިވާތީ ކަމަށެވެ. އަދި މީގެ ފަހުން ބޭރަށް ފުރާ ފަރާތްތަކުން އިމުގާއަށް ހުށަހަޅަން ޖެހޭނީ "ޓްރެވެލާ ޑިކްލެރޭޝަން" ފޯމުކަމަށާއި އެ ފޯމް ހުށަހަޅަންޖެހޭނީ ފުރުމުގެ 72 ގަޑިއިރު ތެރޭގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކުރިން ހުށަހަޅާ "ހެލްތް ޑިކްލެރޭޝަން" ފޯމް ހުށަހަޅަން ޖެހެނީ ފުރުމުގެ 48 ގަޑިއިރު ތެރޭގައެވެ.